މެންބަރުންގެ ޚިޔާލު: ދިވެހިބަސް އުވުނީކަމަށް ގަބޫލުފުޅުކުރައްވަނީ ތޯއެވެ.؟

ލިޔުނީ: މުއާޒު މުހައްމަދު (މޯލާ)

11 ޖުލައި 2010

މިދުވަސްވަރަކީ ރާއްޖޭގެ ތަޢުލީމީ ޙަޔާތަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެކެވެ. މިސަރުކާރު ވެރިކާމާއި ހަވާލުވުމާއިއެކުވެސް ތައުލީމީ ދާއިރާއަށް އެދެވޭ ބަދަލުތަކެއް އަންނަންފެށިއެވެ. އެއް ދަންފަޅިއަކަށް ސްކޫލްތަކުގެ ކިޔެވުން ބަދަލުކުރުމާއި އިންޓަރނޭޝަނަލް ސްކޫލްތަކެއް ޤާއިމްކުރެވުނެވެ. މިބަދަލުތައް އަޅުގަނޑެކޭ އެއްގޮތަށް އެންމެން ގަބޫލުކުރުމަކީ ފަހަރެއްގައި ނުވެދާނެކަމެކެވެ. އެހެންނަމަވެސް ވިސްނާ ފިކުރުކުރުން ކީއްތޯއެވެ.
ދިވެހިރާއްޖޭ ތަޢުލީމުގެ ޤައުމީ މަންހަޖް މުސްކުޅިވެފައިވަނިކޮށް ކިޔަވައިދނުމުގެ އާ މުޤައްރަރެއް އެކުލަވައިލާން ޖެހިފައިވުމީ މިސަރުކާރު އަދި ކޮންމެ ސަރުކާރެއް އައިކަމުގައިވިޔަސް ކުރަންޖެހިފަތްއޮތްކަމެއް ކަމަށް ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އެންމެންހެން ޤަބޫލްފުޅުކުރާނެ ތެދު ހަޤީޤަތެއްކަން ކަށަވަރެވެ. މިއަދު އެންމެ ބޮޑަށް ހޫނުވެފައިވާ އެއްބަހުސަކީ ދިވެހި އިސްލާމް އިޚްތިޔާރު މާއްދާއެއްގޮތުގައި މަތީސާނަވީ ތަޢުލީމުގައި ކިޔަވާގޮތަށް ހަމަޖައްސާނީތޯ ނުވަތަ ނޫންތޯއެވެ. ބައެއްފަރާތްތަކުން މިކަމަކީ ސިޔާސީ ކަމެއްގޮތުގައި ނަގައިގެން ދައްކަމުންގެންދާ ވާހަކަތަކުން ކޮންމެވެސް ވަރަކަށް ރައްޔިތުންނަށް އޮޅޭކަހަލައެވެ.
މަންހަޖް އިސްލާހުކުރުމަށްޓަކައި ރާއްޖޭގެ ކޮންމެ ރައްޔިތަކީވެސް ޤައުމީ މަންހަޖްގެ ޙިއްސާދާރަކަށްވުމާއެކު ތަފާތު ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއްބޭއްވިފައިވެއެވެ. މިގޮތުން މަޝްވަރާ ކުރެވިފައިވާ ފަރާތްތަކުގެތެރޭގައި ތަޢުލީމީ ދާއިރާގެ ބޭފުޅުންނާއި، ސަރުކާރުގެ ވުޒާރާތަކާއި،އަމިއްލަ ޖަމާޢަތްތަކާއި، ބެލެނިވެރިންނާއި ދަރިވަރުންގެ އިތުރުން ސިޔާސީޕާޓީތައް ވެސް ހިމެނުނެވެ.
އަޅުގަނޑާއި އެކު ކިޔަވަމުންގެންދާ ބައެއްދަރިވަރުން މިމައްސަލާގައި ވަރަށް ބޮޑަށް އަޅުގަނޑާއި ބަހުސްކޮށްހަދައެވެ. އެބޭފުޅުން ވިދާޅުވާގޮތުން މިހާރުގެ ސަރުކާރުން ދިވެހިބަހަށް ފޫހިވެފައިވާ ކަމަށާއި އަދި ދިވެހިބަސް އުވާލީއެވެ. އަަދި މިކަމާ ދެކޮޅަށް އަޅުގަނޑުވެސް ތެދުވެ ދިވެހިބަސް މަޖުބޫރުމާއްދާއަކަށް ހެދުމަށް ޕެޓިޝަންހެދުމުގައި އެބޭފުޅުންނާއި ބައިވެރިވެ މަސައްކަތްކުރުމަށް އަޅުގަނޑަށް ނަސޭހަތްތެރިވެއެވެ. މައްސަލައެއްނެތްތާއެވެ.އެކި ބޭފުޅުންގެ ޚިޔާލުތައް ތަފާތުވާނެކަން ޚުދު އަޅުގަނޑުވެސް ގަބޫލުކުރަމެވެ.
އަޅުގަނޑު އޭލެވެލްް ހެދިއިރު އެއްކުލާހެއްގައި ކިޔަވަން އުޅުނު ގިނަކުދިންގެ ޝަކުވާއަކަށްވީ ދިވެހި އިސްލާމް ކިޔަވަމުން އެހެންފިލާވަޅު ހަދާނެ ވަގުތެއް ނުލިބޭ ވަހަކައެވެ. މިއީ އޭލެވެލް ހަދާގިނަ ދަރިވަރުންގެ ފަރާތުން އަޑުއިވޭ ވަހަކައެވެ. ހަޤީގަތުގައިވެސް އެކަން އޮތީހަމަ މިގޮތަށެވެ. އޭލެވެލްއަކީ މަތީސާނަވީގެ ބިންގަލަށް ވެފައި ޔުނިވާސިޓީ ތައުލީމަށް ދާއިރު މަދުވެގެން ތިންފާސް ބޭނުންވެއެވެ. އޭލެވެލްގައި ފަސް މާއްދާ ކިޔެވުމަކީ ބޮޑު އުދަގޫކަމެކެވެ. މިވިސްނުމުގައި މިކަންކުރުމަކީ ބުއްދިވެރިކަމެއްކަމަށް އަޅުގަނޑު ޤަބޫލްކުރަމެވެ.
ބަހަކީ އެއްވެސް ބަޔަކު އުފައްދާއެއްޗެއްނޫނެވެ. ބަސްބަހީ ޤުދުރަތީ އެއްޗެކެވެ. ބަހެއް ނެތިދާނީ އެބަޔެއް އެބަހަކުން ވާހަކަދެއްކުން ހުއްޓާލުމުންނެވެ. ދުނިޔޭގައި ނެތިގޮސްފައިވާ ބަސްތައް ނެތިގޮސްފައިވަނީ އެބަހުން ވާހަކަދައްކާ މީހުންނެތި ދިއުމުންނެވެ. ދިވެއްސަކަށް ވީތީ އަޅުގަނޑުމެންގެ ހަމަކޮންމެ މީހަކަށްވެސް ދިވެހިބަހުން ވާހަކަދައްކަން އެގޭނެއެވެ. އެބަހަކުން ވަހަކަދައްކާ ބަޔަކު ދިރިއުޅޭ ހިނދަކު ބަހެއް މަރުނުވާނެއެވެ. އެހެންކަމުން މަންހަޖާއި މިކަމާއި ގުޅުމެއްހުރިކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވެއެވެ.