ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބިލުގެ މައްޗަށް ރައީސް ބައްލަވާލައްވައިފި

10 ޖުލައި 2010

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، އެމަނިކުފާނު ތަޞްދީޤު ކުރެއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރި ކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލްގެ މުހިންމު ކަމުގެ މައްޗަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެބިލުން ރައްކާތެރިކޮށްދޭ ޙައްޤުތަކުގެ މައްޗަށް އިއްޔެ އެމަނިކުފާނުދެއްވި ރޭޑިއޯ ޚިޠާބުގައި ވަރަށް ތަފްޞީލުކޮށް ބައްލަވާލައްވައިފިއެވެ.
މިގޮތުން އެ ޤާނޫނުގެ ދަށުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަކީ ކޮބައިތޯ ކަނޑައަޅައި، އެމީހުންގެ ދަފްތަރު ބަލަހައްޓަން ފެށުމާއެކު، އެދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށްވެސް، އެމީހަކު އެ ދަފްތަރުން އުނިކުރާ ދުވަހާ ހަމައަށް ކޮންމެ މަހަކު މަދުވެގެން -/2000 ރުފިޔާގެ މާލީ ޢިނާޔަތެއް ސަރުކާރުން ދެއްވަން ޖެހިވަޑައިގަންނަވާ ގޮތަށް އޮތް އޮތުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ނުކުޅެދުންތެރިކަން ހުންނަ މީހުން ކަނޑައަޅައި، އެމީހުންގެ ދަފްތަރު ބަލަހައްޓަން ފެށުމާއެކު، އެދަފްތަރުގައި ހިމެނޭ ކޮންމެ މީހަކުވެސް، އެމީހަކު އެ ދަފްތަރުން އުނިކުރާ ދުވަހާ ހަމައަށް ސަރުކާރުގެ ޚަރަދުގައި ހެލްތް އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކޮށްދޭން ޖެހޭކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.