10 ޖުލައި 2010
ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ދިވެހި ސިވިލް ސަރވިސް ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ސަބަބުން ސަރުކާރުގެ ތަންފީޒީ ގުނަވަން ހިންގާނެ އެންމެ އިސްމީހުން ކަނޑައެޅުމުގައި، ސަރުކާރުގެ އެންމެ އިސްވެރިޔާއަށް އޮންނަންވާނެ މިންވަރަށްވުރެ ދައުރު ހަނިވެގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިބިލް ތަޞްދީޤު ނުކުރައްވައި، އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާތީ، މިބިލް މަޖިލީހަށް ފޮނުއްވި ސަބަބުތައް ހާމަކުރައްވައި، އިއްޔެ އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، މިނިވަން މުއައްސަސާތަކަށް މީހުން ހޯދުމާއި، އެމީހުންގެ ކިބައިގައި އެކަމުގެ ލަޔާޤަތާއި ޤާބިލިއްޔަތު ހުރިތޯ ބެލުމަކީ، ދައުލަތުގެ ތަންފީޒީ ބާރުގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ދައުރަކަށްވާންވާނީ، ސަރުކާރުން އެކަން ކުރައްވާފައިވަނީ ރަނގަޅަށްތޯ ބައްލަވައި، ފާރަވެރިވެ، މަޖިލީހަށް ސަރުކާރުން އެނަންތައް ހުށަހެޅުއްވުމުން، އެނަންތައް ފާސްކުރެއްވުން ނުވަތަ ނުކުރެއްވުން ކަމުގައި ވިދާޅުވިއެވެ.
ޤާނޫނުއަސާސީގެ 180 ވަނަ މާއްދާގެ (ށ) ގައިވާ “ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ނަންތަކުގެ ތެރެއިން” މި ޢިބާރާތަށް ރައީސުލްޖުމްހޫރިއްޔާ އިޝާރާތް ކުރައްވަމުން، ރައްޔިތުންގެ މަޖިލީހުން ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުން ކަމުގައި ފާސްކުރާނީ، ދައުލަތުގެ ވެރިޔާ ހުށަހަޅާ ނަންތަކެއްކަން، މި ޢިބާރާތުން ވަރަށް ސާފުކޮށް އެނގޭ ކަމަށް ވިދާޅުވިއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން ހޯދުމުގެ މަސައްކަތަކީ، ރައްޔިތުންގެ މަޖިލީހުން ކުރާނެ ކަމެއް ނޫންކަމާއި، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހެޅުމަކީ ދައުލަތުގެ ވެރިޔާގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކުރާ ކަމެއްކަން، ޤާނޫނުއަސާސީގެ އެހެނިހެން މާއްދާތަކުންނާއި އަދި ޢަމަލު ކުރެވިފައިވާ އުޞޫލުތަކުން ސާފުވާކަން ރައީސުލްޖުމްހޫރިއްޔާ ބަޔާން ކުރެއްވިއެވެ.