މެންބަރުންގެ ޚިޔާލު: ކާމިޔާބުގެ ސިއްރު

ލިޔުނީ: މުއާޒް މުހައްމަދު (މޯލާ)

ކޮންމެ ރޭގަނޑެއް ދުވާލަށް ބަދަލުވަމުން އަންނަ އިރު އިންތިޒާރު ކުރަމުންދާނީ އިރު އަރާ ވަގުތަށެވެ. ކޮންމެ ދުވާލެއްވެސް ފެށެނީ އާމަންޒަރުތަކާއި އެކުގައެވެ. އެމަންޒަރުތަކަކީ އުންމީދުން ފުރިފައިވާ ނުވަތަ ނާއުންމީދުން ފުރިފައިވާ މަންޒަރުތަކަކަށް ވެގެންދެއެވެ، ހަމަ މިބީދައިން ކޮންމެ މީހަކުވެސް ކޮންމެދުވަހަކުމެ އާހުވަފެންތަކެއް ދެކޭނެއެވެ. އަދި އެހުވަފެންތައް ހަގީގަތަކަށް ވުމަށް ހަމަކޮންމެހެންމެ ބޭނުންވާނެއެވެ. ކޮންމެ ހުވަފެނެއްވެސް ކާމިޔާބުވުމުގައި ސިއްރުތަކެއްވާނެކަން ހަމަކަށަވަރެވެ.
ކާމިޔާބު މި ބަސް އެކިގޮތްގޮތަށް މާނަކުރެވިދާނެއެވެ. މުބާރާތަކުން ވަނައެއް ލިބުނުކަމުގައިވިޔަސް ފުޓްބޯޅަމެޗަކުން މޮޅުވިކަމުގައިވިޔަސް އެއީ ކާމިޔާބެކެކޭ ބުނެވިދާނެއެވެ. ޒުވާން ފުރާގެ ފިރިހެން ކުއްޖަކު މާގިނަ އަންހެންކުދީންނާއި ރައްޓެހިވަންޔާ އޭނާއަކީ ވަރަށް ކާމިޔާބުމީހެކޭވެސް ބުނެއުޅެއެވެ. އެހެންކަމުން އެކިމީހުން އެކިކަންކަމުގައި އެކިގޮތަށް ކާމިޔާބު މާނަ ކުރައެވެ. ކުރުކޮށް ދަންނަވާނަމަ ކާމިޔާބަކީ ދެކޭ ހުވަފެނެއް ހަގީގަތަކަށްވުމެވެ. އެހުވަފެން ހަގީގަތަކަށްވާނީ މިކިޔާ ކާމިޔާބުގެ ސިއްރުތައް ވަރަށް ރަގަޅަށް ދަސްކުރެވިގެންނެވެ.
ކާމިޔާބާއިގުޅިފައިވާ އެންމެބޮޑު އެކައްޗަކީ ނާކާމިޔާބެވެ. އެހެނީ ނާކާމިޔާބެއްވުމުންމެނުވީ ކާމިޔާބެއްހާސިލްކުރުމަށް ހުރަސްއަޅާ ދަތިތަކެއް އެނގިގެންނުދާނެތީއެވެ. އެހެންކަމުން ނާކާމިޔާބަކީ ކާމިޔާބުގެ ފޮރުވިފައިވާ ސިއްރެއްކަމަށް ބެލިދާނެއެވެ. ކާމިޔާބަކީ އޭގެ އެކަށޭނަކަމެއް ނެތިގެންދާނޭކަމެއް ނޫނެވެ. ކާމިޔާބުގެ އެކަށޭނަކަމަކީ ފަހަރެއްގައިވެސް އޭގެ އަމިއްލަޒާތުގައި ހަޤީޤަތަކަށްވާނެ ކަންކަމެއްނޫނެވެ. ތިމާއަށްޓަކައި ފަހިވެގެން އަންނަ އެކަށޭނަކަމުގެ ބޭނުންހިފައި އެކަން ހަޤީޤަތަކަށް ހެދުމުގެ ހިތްވަރު ތިމާގެ ކިބައިގައިހުރުން ބޭނުންވެއެވެ. މީހަކު އޭނަގެ ހިތްމަތްތެރިކަން ދޫކޮށްލައި ގަދައަޅައި މަސައްކަތްކުރުމުގެ ޝަރުތު ފުރިހަމަ ކުރުމަށް ތައްޔާރަށް ހުރހައި ހިނދަކު ނާކާމިޔާބަކީ އޭނާގެ ކިބައިގައި އޮތްއެއްޗެއްނޫނެވެ. މާތްރަސްކަލާނގެ މިދުނިޔެ ހައްދަވާފައިވަނީ އިންސާނާ މިދުނިޔޭގައި ގަދައަޅައި މަސައްކަތްކޮށްގެން ކާމިޔާބު ހޯދުމަށެވެ. އެހެންކަމުން މިދުނިޔޭގައި ނާކާމިޔާބުވާ މީހަކީ ތިމާގެ ނުވިސްނޭކަމުން ނާކާމިޔާބުވާ މީހެކެވެ.
އެންމެ އެދެވޭ ކާމިޔާބެއް ހާސިލްކުރުމަށް ބޭނުންވާ ކަމަކީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމެވެ. ތިމާއަށް ކަމަކުން ކިތަންމެ މޮޅަށް ތައުލީމް ހާސިލްކޮށްގެން ހުރިކަމުގައިވިޔަސް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަން ނެތިއްޔާ ފޫނެތްފަޔަށް ފެންފުރުންފަދައެވެ. އެމީހަކުދެކެން ބޭނުން ކަމެއް ހާސިލްކުރެވޭނީ ނުވަތަ އުންމީދުކުރާ ތަސައްވުރު ހަޤީޤަތަކަށް ހެދޭނީ ހުވަފެނެއް އޮވެގެންނެވެ. ކާމިޔާބަކީ ދެދުވަހުން ނުވަތަ އަހަރަކުން އޭގެ އެންމެ ފޮނިގޮތުގައި ހޯދޭނެ އެއްޗެއްނޫނެވެ. ދިރިއުޅުމުގެ ހަޤީޤީ ކާމިޔާބު ހޯދޭނީ އެމީހަކު އެދެކޭ ބޮޑުމަންޒަރުގެ ތަސައްވުރެއް އޮވެގެންނެވެ. އެމީހެއްގެ ވިސްނުން ހުންނަންވާނީ ރަށުތޮއްޓާއި ރަށާއިދެމެދުގައެއް ނޫނެވެ. ރަށުގެ ފަރުން އަތޮޅުދުނިން ރާއްޖޭގެ އަސްދަނޑިން ބޭރުގައެވެ. މިއަދު ދެކިލޯމަސް ވިއްކައިގެން ރަށުގައި އުޅެގެންލިބޭ އާމްދަނީގެ ބަދަލުގައި މާދަމާ އެކަން އެހެން ގޮތަކަށް ކުރެވިއްޖެނަމަ މާމޮޅު ފައިދާލިބޭނެ ގޮތެއް އޮތްތޯ ވިސްނައި އެގޮތަކަށް އަމަލުކޮށްފިނަމަ ކާމިޔާބު އެތައްތަނަކުން ބޮޑުވެގެންދާނޭކަމާއި މެދު ޝައްކެއްނެތެވެ.
އިންސާނާއަށްޓަކައި ކާމިޔާބީގެ ރޯނުފަހަނަޅައި ދިއުމެއްނެތެވެ. މިޖުމްލައަކީ ވަރަށްބޮޑު ހަޤީޤަތެކެވެ. ” މިދުނިޔޭގައި ފަހަރެއްގައިވެސް އައު ދުވަހަކަށް ނިމުމެއް އައުމެއްނެތެވެ.” މިހެންބުނުންފަދަ ހަޤީޤަތެކެވެ. މިތުރުންގެ ހިތަށް ކަޅުކުރި ދަތި ކޮންމެރެއެއްވެސް ފިތުރަތުގެ އުސޫލުން ފަތިހަކަށް ނިމިގެންދާނެކަން ޔަގީންވާނޭ ފަދައިން ކޮންމެ ނާކާމިޔާބީއަކަށް ފަހު ކާމިޔަބީގެ ދައުރެއް އަންނާނެކަމަކީ ވެސް ކަށަވަރުކަމެކެވެ. ނަމަވެސް ރޭގަނޑަށްފަހު ފަތިސްވުމަށްޓަކައި ކާއިނާތުގެ ދައުރުވުމެއް ބޭނުންވެއެވެ. ހަމަ އެފަދައިން މީހެއްގެ ހަޔާތުގައި ނާކާމިޔާބީއަށްފަހު ކާމިޔާބީގެ ދައުރެއް އަންނާނީ އޭނާ އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރަން ތައްޔާރުވުމުންނެވެ.