އެމްޑީޕީން އަބަދުވެސް މީޑިއާގެ ހިމާޔަތުގައި މަސައްކަތް ކުރާނެ – ޗެއާޕަރސަން

mdpusfasgandujalsaa2422013 (47)

– މަޖިލިސް ހުޅުވުމާއި އެކު ޖޭ.އެސް.ސީން ޤާސިމް ވަކިކުރުމުގެ މަސައްކަތް ފަށާނަން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އަބަދުވެސް އެންމެހާ މީޑިޔާތަކާއި ނޫސްވެރިންގެ ހިމާޔަތުގައި މަސައްކަތް ކުރާނޭކަމަށް ޕާޓީގެ ޗެއާޕަރސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރޭ އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭ ޓީވީގެ ނިއުސް ހެޑް އިބްރާހިމް ވަހީދު (އަސްވާޑު)އަށް ދިން އަނިޔާވެރި ހަމަލާ ކުށްވެރިކުރާކަމަށާއި މި ދަނޑިވަޅުގައި ހުރިހާ މީޑިޔާތައް ވެސް އެކަތި ގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް ގޮވާލާކަމަށެވެ. އަދި ނޫސްވެރިން އެއްބަޔު އަނެއްބަޔަކަށް ފާޑުކިޔައި ވާހަކަ ނުދެއްކުމަށާއި ނޫސްވެރިންގެ މިނިވަންކަމަށާއި ހިމާޔަތަށް ހުރިހާ ނޫސްވެރިން އެކުގައި މަސައްކަތް ކުރުމަށް ވެސް ރޭގެ ޖަލްސާގައި ޗެއާޕަރސަން މޫސާ މަނިކު ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން ރޭގެ ޖަލްސާގައި މޫސާ ވިދާޅުވީ، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމާއި އެކު، އެމަޖިލީހުން ޖުޑީޝިއަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ)އަށް ކަނޑައަޅުއްވާފައިވާ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް އެކޮމިޝަނުން ވަކި ކުރުމުގެ މަސައްކަތް ފައްޓަވާނޭ ކަމަށެވެ.

މޫސާ ވިދާޅުވީ، ރައީސް ނަޝީދުގެ މައްސަލަ ބަލާ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗު ޖޭ.އެސް.ސީން ކަނޑައެޅިއިރު، އެމަނިކުފާނާއި އެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭ އިޢުލާން ކުރައްވާފައިވާ ކެނޑިޑޭޓަކު ޖޭ.އެސް.ސީގައި އިންނެވުމަކީ ޤަބޫލުކުރެވޭނޭ ކަމެއް ނޫންކަމަށެވެ.

ރޭގެ ޖަލްސާގައި ޗެއާޕަރސަންގެ އިތުރުން ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންނާއި ލީޑަރޝިޕްގެ ބޭފުޅުން ވާހަކަދެއްކެވިއެވެ. ރޭގެ ޖަލްސާގައި ވެސް އެމްޑީޕީއަށް ތާޢީދުކުރާ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.