ރައީސުލްޖުމްހޫރިއްޔާ، ވާރލްޑް އެސޯސިއޭޝަން ފޮރ ގާރލްގައިޑް އެންޑް ގާރލް ސްކައުޓްސްގެ ޗެއަރމަންއާއި، ސީ.އީ.އޯ.އާ ބައްދަލުކުރައްވައިފި

8 ޖުލައި 2010

hep-girlguide

10 ވަނަ އޭޝިޔާ ޕެސިފިކް ރީޖަނަލް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ވާރލްޑް އެސޯސިއޭޝަން ފޮރ ގާރލްގައިޑްސް އެންޑް ގާރލް ސްކައުޓްސްގެ ވަރލްޑް ބޯޑްގެ ޗެއަރމަން މާގްރެޓް ޓްރެލޯއަރ އާއި، އެ އެސޯސިއޭޝަންގެ ޗީފް އެގްޒެކްޓިވް މޭރީ މެކްފައިލްއާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، މިބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގައި އިންސާނީ ޙައްޤުތަކާއި، ޑިމޮކްރަސީއާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، ތިމާވެށްޓާ ގުޅޭ މައްސަލަތައް ކުރިއަރުވައި، އ.ދ.އިން ކަނޑައަޅާފައިވާ މިލޭނިއަމް ޑިވެލޮޕްމަންޓް ގޯލްސް ހާސިލް ކުރުމަށް މަސައްކަތް ކުރުމަކީ، ދުނިޔޭގެ ހުރިހާ ގާރލްގައިޑުންނާއި، ގާރލް ސްކައުޓުންގެ އެންމެ އިސްކަންދޭ ކަންކަން ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގައި މިކަންކަން ކުރިއެރުވުމުގައި ދިވެހި ގާރލްގައިޑުންނާއި ގާރލް ސްކައުޓުންނަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ޖުލައި މަހުގެ 4 ވަނަ ދުވަހު ރާއްޖޭގައި ފެށުނު 10ވަނަ އޭޝިޔާ ޕެސިފިކް ރީޖަނަލް ކޮންފަރެންސްގެ މަޢުލޫމާތު، މިބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގެ ގާރލްގައިޑުންނާއި ގާރލް ސްކައުޓުން އިސްކަންދޭ ކަންކަން ހާސިލް ކުރުމަށާއި، ރާއްޖޭގެ އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމުގައި ރާއްޖޭގެ ގާރލްގައިޑުންނާއި ގާރލް ސްކައުޓުންނަށް ވަރަށް މުހިންމު ދައުރެއް އަދާކުރެއްވިދާނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި މި ދާއިރާއިންނާއި، އެހެން ދާއިރާތަކުން ރާއްޖޭގެ ގައިޑުން މުޖްތަމަޢަށް މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ގައިޑާއި ސްކައުޓް ހަރަކާތް، މަދަނީ މުޖްތަމަޢުގައި ފުޅާ ކުރެއްވުމަށްޓަކައި، ސްކޫލްތަކުގެ ދަރިވަރުންގެ އިތުރަށް، މި ހަރަކާތްތައް ސްކޫލްތަކުން ބޭރަށްވެސް ގެންދަވައި މި ހަރަކާތްތައް ފުޅާ ކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.