ސްރީލަންކާގެ ރައީސް، ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހެނދުނު ފުރާވަޑައިގެންފި

8 ޖުލައި 2010

mahinda_rajapaksa_301

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ދަޢުވަތަކަށް ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ، ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. އެމަނިކުފާނަށް މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން އަލްވަދާޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުންވެސް އަލްވަދާޢު ވިދާޅުވުމަށް ވައިގެ ބަނދަރަށް ވަޑައިގެންނެވިއެވެ.

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ފުރާވަޑައިގަތުމުގެ ކުރިން ނެރުނު ދެ ޤައުމުގެ ގުޅިފައިވާ ނޫސް ބަޔާނުގައި، ރައީސް ރާޖަޕަކްސަގެ މިދަތުރުފުޅަކީ، ރަޙްމަތްތެރިކަމުގެ ދަތުރުފުޅެއް ކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސް ރާޖަޕަކްސަގެ މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރ އަޙްމަދު ތަސްމީން ޢަލީއާއި، އުއްތަމަ ފަނޑިޔާރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، ސިޔާސީ ޕާޓީތަކުގެ މަންދޫބުންނާ ބައްދަލުކުރެއްވިއެވެ.

މި މަޝްވަރާތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވީ، ރާއްޖޭގެ އެކުވެރިއެއް އަދި އަވަށްޓެރިއެއްގެ ހައިސިއްޔަތުން، އަދި ދިވެހި ސަރުކާރާއި ވާދަވެރި ސިޔާސީ ފަރާތްތަކުގެ އެދިވަޑައިގަތުމާ އެއްގޮތަށް، ރާއްޖޭގައި އޮތް ސިޔާސީ މައްސަލަ ޙައްލުކުރެއްވުމަށް އެމަނިކުފާނުގެ އެހީތެރިކަން ފޯރުއްވައިދެއްވުމަށް ކަމަށް ނޫސް ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

ވަޒީރުންގެ މަޖިލިސް ޢައްޔަންކުރެއްވުމާ ބެހޭގޮތުންނާއި، ޤާނޫނު ހެދުމުގެ މަސައްކަތްތައް އޮމާންކަމާއެކު ގެންދިޔުމާ ބެހޭގޮތުން 6 މެންބަރުންގެ ކޮމިޓީއެއް އުފެއްދެވުމަށް މި މަޝްވަރާތަކުގައި ސަރުކާރުންނާއި ވާދަވެރި ސިޔާސީ ޕާޓީތަކުން އެއްބަސްވެވަޑައިގެންފައިވާ ކަމަށް މި ނޫސްބަޔާނުގައިވެއެވެ. މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާނީ ސަރުކާރުގެ ފަރާތުން ތިން ބޭފުޅަކާއި ވާދަވެރި ފަރާތްތަކުގެ ތިން ބޭފުޅެކެވެ.

ރައީސް ރާޖަޕަކްސަ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާއަށާއި، ނައިބު ރައީސަށާއި، ވަޒީރުންނަށާއި، ސަރުކާރުގެ އިސް ބޭފުޅުންނަށާއި، ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނަށް ރޭ ފަރިއްކޮޅެއް ދެއްވިއެވެ.