8 ޖުލައި 2010
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސްވެރިންނާ އިއްޔެ ހަވީރު ބައްދަލުކުރައްވައިފިއެވެ.
އިއްޔެ ހަވީރު ކުރުނބާ ވިލެޖުގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހަށް މިހާރު ދިމާވެފައިމިވާ ހަލަބޮލިކަން ނައްތާލުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ކެބިނެޓް އިސްތިއުފާދިނުމާއި، މަޖިލިސް ހުއްޓުމަކަށް އައުމާއި، ވެރިކަންކުރާ ޕާޓީއާ އިދިކޮޅު ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމު ކަމާބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. އަދި ރާއްޖެއަށް ދިމާވާ ކަންކަމުގައި ސްރީލަންކާ އަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމަކާ އެއްބާރުލުމެއް ދެއްވާނޭ ކަމުގައި ސްރީލަންކާގެ ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އާއި، ޕާޓީގެ ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ އާއި، އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޝާހްގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އާއި އެ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލް އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލް ޣަފޫރު އަދި ބިލެތްދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް އަހުމަދު ހަމްޒާއެވެ.
މި ބައްދަލުވުން ނިންމާލުމަށްފަހު އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ޤާނޫނު އަސާސީ މާނަކުރުމުގައި އޮޅުން އަރައި، ގައުމު ސިޔާސީ ގޮތުން މިހާ ނާޒުކު ހާލަތެއްގައި ވަނިކޮށް، ސްރީލަންކާގެ ރައީސް ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވި ކަމީ އެކަމަނާ ވަރަށް އުފާފުޅުކުރައްވާ ކަމެއް ކަމަށާއި، ރާއްޖެއަށް މިފަދަ ދަތުރުފުޅެއް ކުރެއްވި ކަމަށްޓަކައި ސްރިލަންކާގެ ރައީސް މަހިންދަ ރާޖަ ޕަކްސާ އަށް އެމްޑީޕީގެ ނަމުގައި މާރިޔާ ޝުކުރު އަދާކުރައްވާ ކަމަށެވެ.