ކެބިނެޓަށް މަރުހަބާ ދެންނެވުން

8 ޖުލައި 2010

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ދައުލަތުގެ ވަޒީރުންގެ މަޖިލިސް އިއްޔެ އަލުން ޢައްޔަން ކުރެއްވުމާ ގުޅިގެން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ލޮބުވެތި މެންބަރުންނާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހް އާއި، ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ އަދި ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީގެ ނަމުގައި
މަރުހަބާ ދަންނަވަމެވެ.
އެމްޑީޕީގެ މެނިފެސްޓޯ ތަންފީޛްކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން، ތަޢުރީފާއި ޝުކުރު ޙައްޤުވާފަދަ ގޮތަކަށް މުޅި ވަޒީރުންގެ މަޖިލިސް އެކުގައި އިސްތިޢުފާދެއްވުން އެއީ، އެބޭފުޅުންގެ ސަފުތަކުގެ ބަދަހިކަން ދިވެހިރައްޔިތުންނާއި މުޅިދުނިޔެއަށް ހާމަވެގެން ދިޔަ ކަމެއް ކަމުގައި މިޕާޓީން ދެކެމެވެ.
އެމްޑީޕީ އިން ޔަޤީންކަންކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ޙިކުމަތު ޢަމަލީގެ ދަށުން، ވަޒީރުންގެ މަޖިލީހުން ކުރިޔަށް އޮތްތާނގައި ވެސް މަސައްކަތްކުރައްވަމުން ގެންދަވާނީ އިހު ހުރި ސާބިތުކަމާއި، ކެރުމާއި ހިއްވަރާއެކު މި ދިވެހި ޤައުމުގެ މަސްލަޙަތު އެންމެ ކުރިޔަށް ނެރުއްވައިގެންނެވެ. އަދި އެމްޑީޕީ އިން ޔަޤީންކުރާ ގޮތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އެމްޑީޕީން ވެފައިވާ ވަޢުދުތައް ފުއްދެވުމުގެ މަސައްކަތުގައި ވަޒީރުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ސާބިތުކަމާއެކު ދެމިތިއްބަވާނެއެވެ.
އެމްޑީޕީގެ އުއްމީދަކީ މިއަދަށްވުރެ އަދި މާފަހި މާދަމާއެއް ދިވެހި ދައުލަތުގެ ވަޒީރުންގެ މަޖިލީހަށާއި، ދިވެހި ލޮބުވެތިރައްޔިތުންނާއި، ދިވެހި ޤައުމަށް މިންވަރުކުރެއްވުމެވެ. މިލޮބުވެތި ދިވެހި ޤައުމަށް ރޯޝަނީ މުސްތަޤްބަލަކަށް އެދެމެވެ.
.