އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދަށް ވިލާތުގެ 5 ޤައުމެއްގެ ސަފީރުން އިޙްތިރާމްގެ ޒިޔާރަތް ކުރައްވައިފި

meetingwithambassadors2422013 (24)

5 ޤައުމެއްގެ ސަފީރުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދަށް އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ. މިގޮތުން މިއަދު ހެނދުނުން ފެށިގެން ހަވީރާއި ހަމައަށް ވަކިވަކިން ކުރިޔަށް ގެންދިޔަ މި އިޙްތިޔާރުމުގެ ޒިޔާރަތުގައި ޖަރުމަނުވިލާތުގެ އެމްބެސަޑަރ ޑރ. މޮހަރޑްއާ އާ އެމެރިކާގެ އެމްބެސަޑަރ އެމް.ޖޭ ސިސޯންއާ ފަރަންސޭސިވިލާތުގެ އެމްބެސަޑަރ ކްރިސްޓީން ރޮބިޝޯންއާއި، އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރ ޖޯން ރެންކިންގެ އިތުރުން ކެނެޑާގެ ހައިކޮމިޝަނަރ ރޮބަރޓް މެކް ޑޫގަލް ވަނީ ރައީސް ނަޝީދާ ބައްދަލުކުރައްވާފައެވެ.

މި ބޭފުޅުންގެ މިޒިޔާރަތްކުރެއްވުންތަކަކީ ރައީސް ނަޝީދު އިންޑިއަން ހައި ކޮމިޝަނުން ނިކުމެވަޑައިގެންނެވުމާއި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙާ ގުޅޭގޮތުން ރައީސް ނަޝީދާ މަޝްވަރާކުރެއްވުމަށް ކުރެއްވި ޒިޔާރަތްތަކެކެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި މި ބައްދަލުވުންތަކުގައި މައިގަނަޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ މި އަހަރު ބޭއްވުމަށް ނިންމާފައިވާ އިންތިޚާބުގެ ކުރިން ބައިނަލްއަޤްވާމީ ދުނިޔޭގެ އެހީތެރިކަމާއެކު އިންތިޤާލީ އިންތިޒާމުތަކެއް އެކަށައެޅުމުގެ މުހިންމުކަމުގެ މައްޗަށާއި، ދިވެހި ރާއްޖޭގެ ސިޔާސީ ހާލަތު ރަނގަޅުކޮށް ޤައުމީ ތަރައްޤީގެ މަގުގައި މިހާރު ހުއްޓިފައިވާ ގިނަ ކަންތައްތައް ފެށިގެން ކުރިއަށްގެންދިއުމަށް ހުރިހާ ޕާޓީ އެކުލެވޭ އިންސާފުވެރި ރިޔާސީ އިންތިޚާބެއްގެ މުހިންމުކަމުގެ މައްޗަށެވެ.
މިއާއެކު ދިވެހިރާއްޖޭގެ އަމަންއަމާންކަން ގެއްލި، ނުރައްކާތެރި އަނިޔާވެރިކަމުގެ ޢަމަލުތަކާއި، މަރުގެ ޙަމަލާތަކާއި، މާރާމާރީ ގިނަވަމުންދާކަމާމެދު ރައީސް ނަޝީދާއި، ސަފީރުންވަނީ ކަންބޮޑުވުން ފައުޅުކުރައްވާ، މަޝްވަރާކުރައްވާފައެވެ. އެގޮތުން ޑޮކްޓަރ އަފްރާޝީމް އަވަހާރަކޮށްލުމާއި، ޙިއްލަތު ރަޝީދާއި އަދި ނޫސްވެރިޔާ އަސްވާޑުއަށް ދިން އަނިޔާވެރި ޙަމަލާތައް ފާހަގަކުރައްވާ ޤައުމުގެ ޙާލަތާމެދު ހިތާމަފައުޅުކުރައްވާފައެވެ.

އަދި އެމް.ޑީ.ޕީއިން މިހާރު ދެން ކުރިޔަށް ދާނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ މަސައްކަތައިގެން ކަމަށްވާހިނދު، މިމުހިންމު ދަނޑިވަޅުގައި ރައީސް ނަޝީދަށް ދަތުރުފުޅުނުކުރެއްވޭގޮތަށް ހިފެހެއްޓުންތަކެއް ހުރުމަކީ ނުހަނު ކަންބޮޑުވެވަޑައިންނަވާކަމެއްގެ ގޮތުގައި ސަފީރުން ފާހަގަކުރައްވާފައިވެއެވެ. މިއާއެކު އެބޭފުޅުން އިތުރަށް ވިދާޅުވެފައިވަނީ ހުރިހާ ޕާޓީތައް އެކުލެވޭ ގޮތުން މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ޓަކައި ހުރިހާ ޕާޓީތަކުން އެކުލެވޭގޮތަށް މަޝްވަރާކުރެވި، ދިވެހިރާއްޖޭގެ ރައްޔިތުންގެ ހެވާއި ލަބާޔަށްޓަކައި އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ކުރެވެން ހުރި އެންމެހައި ކަމެއް ކުރުމަށް ފަސްޖެހިގެން ފަރުޖެހެން ނެތްކަމަށެވެ.

މީގެއިތުރުން ދިވެހިރާއްޖޭ ޑިމޮކްރަސީއަށް ކުރަމުންދާ ދަތުރުގައި ދުނިޔޭގެ ޤައުމުތަކުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބެމުން ދާތީ އެކަމަށް ޝުކުރުއަދާކުރައްވާ ދިވެހިރާއްޖެއަށް ނުހަނު ނާޒުކު މިދަނޑިވަޅުގައި ބައިނަލްއަޤްވާމީ ދުނިޔޭގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނޭކަމަށް ޔަޤީންކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ މި ބައްދަލުވުންތަކުގއި ރައީސް ނަޝީދު ގެ އިތުރުން އެމްޑީޕީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ، އެމް.ޑީ.ޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ސާލިޙް، މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަޙްމަދު ދީދީ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙާމިދް އަބްދުލް ޣަފޫރު، ރައީސް ނަޝީދު ސަރުކާރުގެ ފޮރިން މިނިސްޓަރ އަޙްމަދު ނަސީމް އަދި ޗެއާޕަރސަންގެ ނައިބު (އިދާރީ) އަލީ ޝިޔާމްއެވެ.