ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދު 2 ޤައުމެއްގެ ސަފީރުންނާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.
މިއަދު ހެނދުނު އެމްޑީޕީ އޮފީހުގައި ރައީސް ނަޝީދު ފުރަތަމަ ބައްދަލުކުރެއްވީ ޖަރުމަނުވިލާތުގެ އެމްބެސަޑަރ ހިޒް އެކްސެލެންސީ މޮހަރޑް އާއެވެ. އަދި އޭގެ ފަހުން ވަނީ އެމެރިކާގެ އެމްބެސަޑަރ ހަރ އެކްސެލްންސީ އެމް.ޖޭ ސިސޯން އާއި ބައްދަލު ކުރައްވާފައެވެ.
މިއަދު ކުރިއަށް ހުރި ބައްދަލުވުން ތަކުގެ ތެރޭގައި ފަރަންސޭސިވިލާތުގެ އެމްބެސަޑަރ އާއި، އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރގެ އިތުރުން ކެނޭޑިއަން ހައިކޮމިޝަނަރއާ ބައްދަލުކުރެއްވުން ވެސް މިއަދު އެމްޑީޕީ އޮފީހުގައި އޮންނާނެއެވެ.
މި ބައްދަލުވުންތަކުގައި ރައީސް ނަޝީދު ގެ އިތުރުން އެމްޑީޕީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ، ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ސާލިޙް، މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަޙްމަދު ދީދީ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙާމިދް އަބްދުލް ޢަފޫރު، ރައީސް ނަޝީދު ސަރުކާރުގެ ފޮރިން މިނިސްޓަރ އަޙްމަދު ނަސީމް އަދި ޗެއާޕަރސަންގެ ނައިބު (އިދާރީ) އަލީ ޝިޔާމްއެވެ.