މީގެކުރީގައި މަސައްކަތް ކުރައްވަމުން ގެންދެވި ސާބިތުކަންމަތީގައި ކުރިއަށް އޮތް ތަނުގައިވެސް ކެބިނެޓާއެކު ސަރުކާރުގެ އެންމެހާ ކަންކަން ކުރިއަށް ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

8 ޖުލައި 2010

vazeerun

މީގެކުރީގައި މަސައްކަތް ކުރައްވަމުން ގެންދެވި ސާބިތުކަންމަތީގައި ކުރިއަށް އޮތް ތަނުގައިވެސް ކެބިނެޓާއެކު ސަރުކާރުގެ އެންމެހާ ކަންކަން ކުރިއަށް ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ވަޒީރުންގެ މަޖިލިސް އަލުން ޢައްޔަން ކުރެއްވުމަށް ފަހު އިއްޔެ ހަވީރު ބޭއްވެވި ރަސްމިއްޔާތަށްފަހު، ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންނަށް ޚިދްމަތް ދެއްވުމުގައި ޤާބިލިއްޔަތު ތަންދިން މިންވަރަކުން އެކަމުގައި ދެމިތިއްބަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި، ނޫސްވެރިން ދެންނެވި އެކިސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ. މިގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު މިހާތަނަށް ކުރެއްވި މަޝްވަރާތަކާ ބެހޭގޮތުންނާއި، މިހާރު ބަންދު ކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ދެމެންބަރުންގެ ތަޙްޤީޤުގެ ކަންތައްތަކާ ބެހޭގޮތުންނާއި، ކެބިނެޓަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމުގައި އޮތް ޔަޤީންކަމާ ބެހޭގޮތުން ނޫސްވެރިން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސުވާލު ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވާދަވެރި ފަރާތްތަކުން ދައްކާ ވާހަކަތައް އަޑުއަހަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި މަދު ބައެއްގެ ސަބަބުން މުޅި މަޖިލީހުގެ ގޭގެ ޢިއްޒަތާއި ޤަދަރާއި ކަރާމާތަށް ގެއްލުން ލިބޭކަށް ނުވަތަ ބުރޫއަރާކަށް މަޖިލީހުގެ މެންބަރުންވެސް ބޭނުންފުޅުނުވާ ކަމަށް ވިދާޅުވިއެވެ.