ސްރީލަންކާއާއި ރާއްޖެއާ ދެމެދު މި އޮންނަ އެކުވެރިކަމާއި ގާތްކަމުގެ ގުޅުން އަބަދުވެސް ދެމި އޮންނާނެ ކަމުގައި ސްރީލަންކާގެ ރައީސް ވިދާޅުވެއްޖެ

7 ޖުލައި 2010

mahinda_rajapaksa_300

ސްރީލަންކާއާއި ރާއްޖެއާ ދެމެދު މި އޮންނަ އެކުވެރިކަމާއި ގާތްކަމުގެ ގުޅުން އަބަދުވެސް ދެމި އޮންނާނެ ކަމަށާއި، މި ގުޅުމުގެ ފައިދާ، ދިވެހި ރައްޔިތުންނަށާއި ސަރުކާރަށް އަބަދުވެސް ލިބެމުންދާނެ ކަމުގައި ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ. ރައީސް ރާޖަޕަކްސަ މިހެން ވިދާޅުވީ، އެ މަނިކުފާނުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދު މެންދުރު މުލީއާގޭގައި ބޭއްވެވި ރަސްމީ ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ރާޖަޕަކްސަ ދެއްކެވި ވާހަކަފުޅުގައި، ފާއިތުވި ޒަމާންތަކާއެކު ދެޤައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށާއި، މިގުޅުމުގެ އެއް އަޞްލަކީ ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އުޚުއްވަތްތެރިކަން ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް ވެދެއްވެން އޮތް ހުރިހާ އެހީއެއް ސްރީލަންކާއިން ވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައިވެސް، ސްރީލަންކާއާއި ރާއްޖެއާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. މިގޮތުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ސަރުކާރުގައި ކޮންމެ ބަޔަކު ތިބި ކަމުގައިވިޔަސް، ދެޤައުމުގެ ގުޅުމަކަށް ބަދަލެއް ނާންނާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، ދެޤައުމުގެ ދެމެދުގައި ވަރަށް އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށާއި، އޭގެތެރޭގައި، ޘަގާފީ އަދި ބަހުރުވައިގައި އެއްގޮތް ކަންތައްތަކެއް ހިމެނޭ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙްގެ މައްޗަށް ބައްލަވާލައްވަމުން، މި މައްސަލަ ޙައްލުކުރެއްވުމަށް ރައީސް ރާޖަޕަކްސައާއި އަދި ސިޔާސީ ފަރާތްތަކާ މަޝްވަރާ ކުރައްވާފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި މިމަޝްވަރާތަކުގެ އަލީގައި، މިއަދު ކެބިނެޓެއް އެކުލަވާލައްވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވިއެވެ.