ނޫސްވެރިންނަށް ޙިމާޔަތް ދިނުމަށް ގޮވާލާ އެމްޑީޕީން ހިނގާލުމެއް ފަށައިފި

noos

ނޫސްވެރިންނަށް ޙިމާޔަތް ދިނުމަށާއި، ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގޮވާލުމަށާއި، ރޭގެ ވަގުތެއްގައި ރާއްޖޭ ޓީވީގެ ނިއުސް ހެޑް އިބްރާހިމް ވަހީދު (އަސްވާޑު)އަށް ދިން މަރުގެ ޙަމަލާގެ ތަހުގީޤް އަވަހަށް ފެށުމަށް ގޮވާލާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ބާއްވާ ހިނގާލުމެއް މިހާރު މާލޭގެ ބޮޑެތި މަގުތަކުގައި ފެށިގެން ކުރިއަށް އެބަދެއެވެ.

އެމްޑީޕީގެ ސުލްޙަވެރި މި ހިނގާލުމުގައި އަސްވާޑަށާއި ޓީވީއެމްގެ ނޫސްވެރިންނަށް ހަމަލާ ދިން ފަރާތްތައް އަވަހަށް ހޯދުމަށާޢި، އެމީހުންނަށް ހައްގު އަބަދު ދިނުމަށް ކަމާއިބެހޭ ފަރާތްތަކަށް ވަނީ ގޮވާލާފައެވެ. އެމްޑީޕީން ވަނީ ނޫސްވެރިންނަށް ދިން މި ހަމަލާތައް ކުށްވެރިކޮށް މިއަދު ނޫސް ބަޔާނެއް ވެސް ނެރެފައެވެ.

އަސްވާޑަށް ރޭގެ ވަގުތެއްގައި ދިން މަރުގެ ހަމަލާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދު ވެސް ވަނީ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި ނޫސްވެރިންނަށް ލިބޭ ކޮންމެ އަނިޔާއަކީ ރާއްޖޭގެ ތަރައްޤީއަށް އެޅޭ ހުރަހެއް ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ނޫސްވެރިންނަށް ދޭ ހަމަލާތައް ކުށްވެރިކޮށް ބާއްވާ މި ހިނގާލުމުގައި އެމްޑީޕީގެ ލީޑަރ ޝިޕާއި، އެމްޑީޕީގެ ޢާންމު މެމްބަރުންނާއި މިކަމާއި ދެކޮޅު ގިނަ އަދަދެއްގެ ފަރާތްތައް ދަނީ ބައިވެރިވަމުންނެވެ.