އެމްޑީޕީ ދެކުނު ޕްރޮވިންސްގެ ނޫސްބަޔާން: ފުވައްމުލަކު މެދުދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ ޝިފާޤު މުފީދު އެމް.ޑީ.ޕީ ގެ މެމްބަރުންނަކީ ޓެރަރިސްޓުންނޭ ބުނިބުނުން ކުއްވެރިކުރުން.

ނަންބަރު:MDP-SP/2013/03
ތާރީޚް: 23 ފެބްރުއަރީ 2013

ފުވައްމުލަކު މެދުދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ ޝިފާޤު މުފީދު އެމް.ޑީ.ޕީ ގެ މެމްބަރުންނަކީ ޓެރަރިސްޓުންނޭ ބުނިބުނުން ކުއްވެރިކުރުން

21 ފެބުރުއަރީ 2013 ވަނަދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ބޭއްވުނު ޕީ.ޕ.ޕީ އެމް ގެ ޖަލްސާއެއްގައި ފުވައްމުލަކު މެދުދާއިރާގެ މެމްބަރ ޝިފާޤު މުފީދު އެމް.ޑީ.ޕީ އަކީ ޓެރަރިސްޓް ޖަމާޢަތެއްކަމަށް ބުނެ އެޖަމާޢަތަށް ނިސްބަތްވާމީހުން މެރުމަށާއި އަދި އެމް.ޑީ.ޕީ ނައްތާލުމަށް ގޮވާލި ގޮވާލުން އެމް.ޑީ.ޕީ ގެ ދެކުނު ޕްރޮވިންސުން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

17 ވަނަ ރައްޔިތުންގެ މަޖިލީހަށް ފުވައްމުލަކު މެދުދާއިރާގެ މެމްބަރުކަމަށް އެމް.ޑީ.ޕީ ގެ ޓިކެޓްގައި އެދާއިރާގެ ތަނަވަސް އަޢުލަބިއްޔަތުން ހޮއްވަވާފައިވާ ޝިފާޤު މުފީދަށް އަމާޒުކޮށް މަޖިލީހުގެ ކެމްޕޭން ދުވަސްވަރު އޭރުގެ އިދިކޮޅު ބައެއް ފަރާތްތަކުން އުފުލަމުން ދިޔަ އެއްއަޑަކީ ޓެރަރިޒަމް ގެ ޙަރަކާތްތަކަށް ހިތްވަރުދޭ މީހެއްގެގޮތުގައެވެ. ނަމަވެސް އެފަދަ ތުހުމަތުތައް ފަނޑުކޮށް ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ހޯދައިދީ މެދު ދާއިރާގެ ގޮނޑިއަށް ޝިފާޤު މުފީދު އިންތިޚާބު ކުރީ އެމް.ޑީ.ޕީއާއި އެމް.ޑީ.ޕީއަށް ތާއިދުކުރާ ރައްޔިތުންގެ މިންނެތް މަސައްކަތުންނެވެ.

ވާދަވެރި ސިޔާސީ މާހައުލުގައި ތިމާ ނިސްބަތްވާ ޕާޓީއަށް ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ނުލިބުނީމާ ވާދަވެރި ޕާޓީ ޓެރަރިސްޓް ޖަމާޢަތަށް ހަދައި އަދި އެޕާޓީއަށް ނިސްބަތްވާ ދިވެހިރައްޔިތުން މަރާހުސް ކުރުމަށް ގޮވާލި ގޮވާލުން މިޕާޓީއިން ދެކެނީ ވަރަށް ފިނޑި އަދި ނާތަހުޒީބީ ޢަމަލެއްގެ ގޮތުގައެވެ. ތިމާގެ ސިޔާސީ މަޤްބޫލުކަމާއި އިތުބާރު ނުހިފެހެއްޓުނީމާ، ރައްޔިތުން މެރުމަށާއި އަނިޔާވެރިކަމަށް ގޮވާލުމަކީ ދިވެހި އިސްލާމީ މުޖްތަމަޢުގައި ބަލައިގަނެވޭނެ ބަސްތަކެއް ނޫނެވެ. އަދި މިފަދަ ފަރާތްތަކާމެދު ރައްޔިތުން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށާއި، މިފަދަ ގޮވާލުންތައް ގޮވާލާ އެންމެހާ ފަރާތްތަކާ ދެކޮޅަށް ބަހާއި ޢަމަލުން އިޙްތިޖާޖުކުރުމަށް ވެސް މި އޮފީހުގެ ފަރާތުން ގޮވާލަމެވެ. އަދި މިފަދަ ވާހަކަ ތަކުގެ ސަބަބުން އެއްވެސް ބާވަތެއްގެ ހަމަނުޖެހުމަކަށް މަގުފަހިވާނެ އެއްވެސް ޢަމަލެއް ނުހިންގުމަށާއި ހުރިހާ ރައްޔިތުންވެސް ކެތްތެރިކަމާއެކު ސާބިތުވެ ތިބުމަށްވެސް މިއޮފީހުގެ ފަރާތުން އިލްތިމާސްކުރަމެވެ. ޝިފާޤު މުފީދުމެން ފަދަ މެމްބަރަކު އިންތިޚާބުކުރެވުމީ، މިޕާރޓީއަށާއި ފުވައްމުލަކު މެދު ދާއިރާގެ ރައްޔިތުންނަށް ލިބިގެންދިއަ ފިލާވަޅަކަށް ވީހިނދު، ކުރިމަގުގައި ބޭއްވޭ އިންތިޚާބުތަކުގައި ޒިންމާދާރުކަމާއެކު ވޯޓުލުމަށާއި ޕާޓީއަށާއި ރައްޔިތުންނަށް އަދި ޤައުމަށް އިޚްލާސްތެރި މަންދޫބުން އިޚްތިޔާރުކުރުމަށް ވެސް އިލްތިމާސްކުރަމެވެ.

މިހެންކަމާއެކު ޝިފާޤު މުފީދާއި މެދު ކެމްޕޭން ދުވަސްވަރު އިދިކޮޅު ފަރާތްތަކުން ކޮށްފައިވާ ތުހުމަތާއި މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް އެމް.ޑީ.ޕީ ފުވައްމުލަކުގެ މެމްބަރުން ނަށާއި އަދި ޚާއްސަކޮށް ފުވައްމުލަކުގެ މެދުދާއިރާގެ ރައްޔިތުނަށް ގޮވާލަމެވެ.


ބަޔާން ނެރުނީ: އެމްޑީޕީ ދެކުނު ޕްރޮވިންސްގެ އޮފީސް