ނޫސްބަޔާން: ރާއްޖެ ޓީވީގެ އިބްރާހީމް ވަޙީދަށް ދިން މަރުގެ ޙަމަލާ ކުށްވެރިކުރުން

noosbayan

ނަންބަރު:MDP-2013-PR-22
ތާރީޚް: 23 ފެބުރުއަރީ 2013 (ހޮނިހިރު)

ރާއްޖެ ޓީވީގެ އިބްރާހީމް ވަޙީދަށް ދިން މަރުގެ ޙަމަލާ ކުށްވެރިކުރުން

ރޭގެ ވަގުތެއްގައި ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އަދި ޖާރނަލިސްޓް އިބްރާހީމް ވަޙީދު (އަސްވާރޑް) ބޮޑުތަކުރުފާނު މަގުން އާރޓިފިޝަލް ބީޗް ކައިރިން ސައިކަލުގައި ވަޑައިގަންނަވަނިކޮށް ބަޔަކު މީހުން އޭނާގެ ފުރާނަ ގެއްލޭވަރުގެ ޙަމަލާއަކުން ބޮލަށާއި މޫނަށް ދަގަނޑުބުރިއަކުން ޙަމަލާދީ، ޒަޙަމްކޮށްލާފައިވާތީ އެ ނުބައި ޢަމަލު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

އިބްރާހީމް ވަޙީދުގެ ބޮލަށާއި މޫނަށް ދަގަނޑުބުރިއަކުން ޙަމަލާދީ، ޒަޙަމްކޮށްލާފައިވާއިރު އެ ޙަމަލާއަކީ އޭނާ އަވަހާރަކޮށްލުމުގެ ގަސްތުގައި ކުރިން ރާވައިގެން ދީފައިވާ ޙަމަލާއެއްކަމަށް މި ޕާރޓީއަށް ޤަބޫލުކުރެވެއެވެ. ފުރާނަ ގެއްލޭވަރުގެ އެ ޙަމަލާގެ ސަބަބުން އޭނާގެ ޙާލު ވަރަށް ނާޒުކު ފައްތަރެއްގައިވާކަމީ މި ޕާރޓީން ނުހަނު ކަންބޮޑުވާކަމެކެވެ.

އިބްރާހީމް ވަޙީދަށް މަރުގެ މި ޙަމަލާ ދީފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފަށް ރާއްޖެ ޓީވީ އާއި އެޓީވީގެ ނޫސްވެރިންނަށް ރައްކާތެރިކަމެއް ނުދޭނޭކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ނިންމައި، އެރައްކާތެރިކަމުން ރާއްޖެ ޓީވީ މަހުރޫމްކޮށްފައި ވަނިކޮށްކަން މި ޕާރޓީން ފާހަގަކުރަމެވެ.

ޤާނޫނު އަސާސީން ފުލުހުންނާ މަތިކޮށްފައިވާ އެންމެ މުޙިއްމު ވާޖިބަކީ މުޖުތަމަޢުގެ އަމަން އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމާއި، ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުން ޙިމާޔަތްކޮށްދީ އެބައިމީހުންގެ މުދަލާ ގެދޮރު ރައްކާތެރިކޮށްދިނުންކަމަށް ވީހިނދު، މިކަން ތަންފީޒުކުރަންޖެހޭ ފަރާތުން ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފުވުމުގެ ސަބަބުން ރާއްޖެ ޓީވީ އާއި އެޓީވީގެ ނޫސްވެރިންނަށް ރައްކާތެރިކަމެއް ނުލިބިވާކަން ފާހަގަކުރަމެވެ. އަދި ރާއްޖެ ޓީވީ އަށް ރައްކާތެރިކަމެއް ނޫދޭން ފުލުހުން ނިންމި ނިންމުމަކީ ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފު ނިންމުމެއްކަމާއި އަދި އެއީ ވަރަށް ނުރައްކާތެރި ނިންމުމެއްކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވާކަން ވެސް ފާހަގަކުރަމެވެ. މިކަން މިހެން އޮތްއިރު، ރާއްޖެ ޓީވީއަށް ރައްކާތެރިކަން ދިނުމަށް ތަކުރާރުކޮށް އެފަރާތުން އެދިފައިވީނަމަވެސް އެ ރައްކާތެރިކަން ދިނުމަށް ފުލުހުން އިންކާރުކޮށްފައިވާކަން ވެސް ފާހަގަކުރަމެވެ.

މީގެކުރިން ވެސް އިބްރާހީމް ވަޙީދާއި ރާއްޖެ ޓީވީގެ އެނޫން ވެސް ނޫސްވެރިންނާއި ކެމެރާމަނުންގެ ގަޔަށް ފުލުހުން ޕެޕަރ ސްޕްރޭ ޖަހައި އަދި އަނިޔާކޮށްފައިވާކަން ފާހަގަކުރަމެވެ. އަދި ރާއްޖެ ޓީވީ ހިންގާ ކުންފުނީގެ އޯނަރ އަލްފާޟިލް އަކުރަމް ކަމާލުއްދީނުގެ ހަށިކޮޅަށް މިހާރުގެ ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރ މަގުމަތިން ޙަމަލާދީފައިވާކަމަށް އަކުރަމް ކަމާލުއްދީންވަނީ ވަރަށް ތަފްސީލުކޮށް މީގެކުރިން ހާމަކުރައްވާފައެވެ. އަދި ރާއްޖެޓީވީގެ އިމާރާތުގެ ތެރެއަށް ބަޔަކު ވަދެ އެތަނުގެ މުދަލަށް ބޮޑެތި ގެއްލުންތައް ދީފައިވާއިރު އެކަން ކުރި ބަޔަކުވެސް ފުލުހުންނަށް މިއަދާ ހަމައަށް ހޯދިފައިނުވެއެވެ.

ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އަދި ޖާރނަލިސްޓް އިބްރާހީމް ވަޙީދަށް މަރުގެ ޙަމަލާ ދީފައިވާއިރު، ރޭގައި އެމް.ޑީ.ޕީ އިން މުޒާހަރާކުރި ސަރަޙައްދުގައި ޢާންމުންނާއި ފުލުހުން އެއްވެފައިވަނިކޮށް ކޮންމެ ވެސް ދިމާލަކުން މީހަކު އެއްލި ތިމަރަ ފުޅިއަކުން އެ މުޒާހަރާ ކަވަރުކުރައްވަން ތިއްބެވި ޓީވީއެމްގެ އަންހެން ދެ ނޫސްވެރިން ކަމުގައިވާ ޢާއިޝަތު ލީޒާ އާއި ޢާއިޝަތު ސާނީއަށް ހަމަލާއައިސް ގެއްލުން ލިބިވަޑައިގެންފައިވާތީ އެކަން މި ޕާރޓީން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

2008 ވަނަ އަހަރު ރައްޔިތުން އިންތިޚާބުކުރި ވެރިކަން، ދައުރުގެ މެދުތެރެއިން ބަދަލުކުރުމަށްފަހު ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށްދެވޭ މި ފަދަ ހަމަލާތައް ދުވަހުން ދުވަހަށް އިތުރުވަމުންދާކަން މި ޕާރޓީން ހިތާމައާއެކު ފާހަގަކުރަމެވެ. އަދި ރިޕޯރޓާރސް ވިތައުޓް ބޯރޑާރސް އިން މިއަހަރު ނެރުނު ރިޕޯރޓްގެ ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެ 30 ދަރަޖަ ދަށަށް ވެއްޓިފައިވާކަމީ މި ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް އޮތް ގޮންޖެހުންތަކާއި ނޫސްވެރިންނަށް ރައްކާތެރިކަން ނެތްކަން ހާމަވެގެންދާ ހެއްކެއްކަމުގައި ދެކެމެވެ.
އިބްރާހީމް ވަޙީދަށް މަރުގެ ޙަމަލާ ދިން މައްސަލައާއި ޢާއިޝަތު ލީޒާ އާއި ޢާއިޝަތު ސާނީއަށް ހަމަލާދިން މައްސަލަ ވަގުތުން ބަލައި ތަޙްޤީޤްކޮށް، އެ ޖަރީމާ ހިންގި ފަރާތްތައް ޝަރީޢަތުގެ ކުރިމައްޗަށް ޙާޟިރުކުރުމަށް މި ޕާރޓީން ގޮވާލަމެވެ


ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް