އިއްޔެ ފުލުހުން ހައްޔަރު ކުރި 8 މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ) ރިޔާސީ ކެނޑިޑޭޓް އަދި ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ހިމާޔަތަށް އެދި ގޮވާލާ އެމަނިކުފާނަށް ތާޢީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ސުލްޙަވެރިކަމާއި އެކު ކުރަންމުދާ އިހްތިޖާޖާތަކުގައި، ފުލުހުން އިއްޔެ (20 ފެބުރުއަރީ 2013) ހައްޔަރުކުރި 8 މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިއަދު މެންދުރު ޖިނާއީ ކޯޓުގަ ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި، އިއްޔެ ހައްޔަރު ކުރި 8 މީހުން ގެ ބަންދުގެ މުއްދަތު އިތުރުކުރިއިރު، 5 މީހުނަށް 5 ދުވަސް އިތުރުކޮށް، 2 މީހުންނަށް 10 ދުވަސް އިތުރުކޮށް އަދި 1 ކަށް 15 ދުވަހުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

ރައީސް ނަޝީދު އިންޑިއަން ހައިކޮމިޝަންގެ ހިމާޔަތަށް ވަޑައިގަންފަހުން މިވީ 9 ދުވަހުގެ ތެރޭގައި ކުރެވުނު ސުލްހަވެރި އިޙްތިޖާޖު ތަކުގައި 100 އަށް ވުރެ ގިނަ މީހުންވަނީ ހައްޔަރުކޮށްފައެވެ.

ދިވެހި އެތަށް ހާސް ބަޔަކު ނިކުމެ ވަކި ކަމަކަށް އެދި މިކުރާ އިޙްތިޖާޖް ތަކަކީ ޤާނޫން އަސާސީގެ 27ވަނަ މާއްދާއާ 32ވަނަ މާއްދާގެ ދަށުން ކޮންމެ ދިވެހިރައްޔިތަކަށް ވެސް ކަށަވަރުކޮށްދީފައިވާ ޙައްގުގެ ބޭނުންހިފާ ކުރާ އިޙްތިޖާޖްތަކެވެ.

މިރޭވެސް އެމް.ޑީ.ޕީއިން ކުރާ އިޙްތިޖާޖް ކުރިޔަށް ދާނެއެވެ. މިގޮތުން މިރޭގެ އިޙްތިޖާޖް ފެށޭނީ 9:00 އުސްފަސްގަނޑުންނެވެ.