ހޯމް މިނިސްޓަރ ކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު ޖަމީލު އަޙްމަދުގެ މައްޗަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓަށް ބަލައިގަތުމަށްފަހު އެ މައްސަލައިގެ އަޑުއެހުމެއް މި މަހުގެ 25 ވަނަ ދުވަހަށް ވަނީ ޝެޑިއުލް ކޮށްފައެވެ.
ހޯމް މިނިސްޓަރ ކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު ޖަމީލު އަޙުމަދުގެ މައްޗަށް އެމް.ޑީ.ޕީ އިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ، ރާއްޖޭގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ އަދި މި ޕާރޓީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދުގެ މައްޗަށް ޕްރޮސިކިޔޫޓަރ ޖެނެރަލް ކުރައްވާފައިވާ ދަޢުވާ އާގުޅިގެން، ހޯމް މިނިސްޓަރކަމުގެ މަޤާމާއި ފުލުހުންގެ މިނިސްޓަރުކަމުގެ މަޤާމުގައި ހުންނަވައިގެން، ރައީސް ނަޝީދަށް ޤާނޫނީގޮތުން ލިބިވަޑައިގެންވާ ޢަދުލުވެރިކަމާއެކު ޝަރީޢަތް ކުރެވުމުގެ ޙައްޤަށް އަރައިގަނެ ޝަރީޢަތަށް ނުފޫޒު ފޯރުވުމަށްޓަކައި ފަނޑިޔާރުންނާއި ކޯޓުތަކަށް އަމާޒުކޮށް ވާހަކަދައްކަވައި، އަދި ޝަރީޢަތަށް ނުފޫޒުފޯރުވައިގެން ވަކި ސިޔާސީ މަޤްޞަދެއް ހާޞިލުކުރެއްވުމަށް މަސައްކަތްކުރަމުންގެންދަވާ މައްސަލައެވެ.
މުޙައްމަދު ޖަމީލު އަޙުމަދު އެގޮތުން ދައްކަވާފައިވާ ވާހަކަތަކުގެ ތެރޭގައި، ރައީސް މުޙައްމަދު ނަޝީދުގެ ޝަރީޢަތް ރިޔާސީ އިންތިޚާބުގެ ކުރިން ނިންމަން ޖެހޭނެ ކަމަށް ބާރުލާ ވިދާޅުވެފައިވެއެވެ. އަދި އެމައްސަލަ ނުނިންމައި މިހާރުވެސް މާބޮޑަށް ލަސްވެގެން ހިނގައްޖެކަމަށާއި، އެކަމުގެ ޒިންމާ ކޯޓުތަކުން އުފުލަންޖެހޭނެ ކަމަށާއި، އަދި އެމައްސަލަ އަވަހަށް ނިންމުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހަމަޖެހުމަށް ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. ފުލުހުންގެ އިދާރާއާ ޙަވާލުވެ ހުންނެވި މިނިސްޓަރު ކޯޓުތަކުގެ ފަނޑިޔާރުންނަށް އަމާޒުކުރައްވައި، އެމިނިސްޓަރު ބޭނުންފުޅުވާ މުއްދަތެއްގެ ތެރޭގައި އެ މިނިސްޓަރު ބޭނުންފުޅުވާ މައްސަލައެއް ނުނިންމައިފިނަމަ އެކޯޓެއް އެކަމާ “ޒިންމާވާން ޖެހޭނެ” ކަމަށް ވިދާޅުވުމަކީ އެމައްސަލައިގެ ޝަރީޢަތް ހިންގަވާ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި، އިންސާފުވެރިކަމާއެކު އެ ޝަރީޢަތްކުރުމަށް ހުރަސްއެޅޭނެ ކަމެއްކަމަށް މި ޕާރޓީން ދެކެމެވެ.. ފުލުހުންގެ ޢަމަލުތައް މިހާރު ހުންނަ ގޮތަށް ބަލާއިރު އެ ފުލުހުންނާ ހަވާލުވެ ހުންނަވާ މިނިސްޓަރު އެފަދަ އިބާރާތްތަކުން ކޯޓުތަކާއި ފަނޑިޔާރުންނާ މުޚާތަބުކުރެއްވުމަކީ އެކޯޓުތަކަށާއި ފަނޑިޔާރުންނަށް ދެވޭ އިންޒާރެއް ނޫންކަމަށް ބެލޭނޭ ޖާގައެއް ނެތްކަމަށް މި ޕާރޓީން ދެކެމެވެ..
އެހެންކަމުން އެފަދަ ވާހަކަތައް ތަކުރާރު ނުކުރެއްވުމަށް ހޯމް މިނިސްޓަރ ކަމުގެ މަޤާމާއި ފުލުހުންގެ މިނިސްޓަރ ކަމުގެ މަޤާމުގައި ހުންނެވި މުޙަޢްމަދު ޖަމީލު އަޙްމަދަށް އަންގަވައި ޙުކުމްކޮށްދެއްވުމަށް މި ޕާރޓީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވާނެއެވެ.