އދ. ގެ ރެޕަރޓުއަރ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރގެ ނައިބާއި ބައްދަލުކުރައްވައިފި

ރާއްޖޭގެ ޝަރުއީ ދާއިރާގެ ހާލަތު ދިރާސާ ކުރުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އދގެ ހާއްސަ ރެޕަޓުއަރ ގަބްރިއެއްލާ ނައުލް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރގެ ނައިބުއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މެޖޯރިޓީ ލީޑަރ އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ސޯލިޙްގެ ފަރާތްޕުޅުން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ނައިބު ބައިވެރިވެ ވަޑައިގެންނެވީ، މެޖޯރިޓީ ލީޑަރ ރާއްޖޭ ވަޑައިގެން ނޫޅުއްވާތީއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ހާމަކުރެއްވިގޮތުގައި ގެބްރިއެއްލާ ނައުލްގެ މި ދަތުރުފުޅަކީ 2007ވަނަ އަހަރު އޭރު އެމަޤާމްގައި ހުންނެވި ލިއާންޑްރޯ ޑެސްޕޮއި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ފޮލޯއަޕެކެވެ.

މިމަހުގެ 17 އިން 24 އަށް ގަބްރިއެއްލާގެ މިދަތުރުގައި އެކަމަނާ އައްޑޫ ސިޓީއަށް ވެސް ވަޑައިގަންނަވާނެއެވެ. އެކަމަނާގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޖޫން މަހު އޮންނަ އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ބައްދަލުވުމަށް ރިޕޯޓު ހުށަހަޅުއްވާނެއެވެ.