ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާގެ ރައީސާ މިއަދު ބައްދަލުކުރައްވައިފި

7 ޖުލައި 2010

hep-srilankan-president

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މިދަތުރުފުޅު ކުރެއްވި ކަމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ރައީސް ރާޖަ ޕަކްސައަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، ޝުކުރު އަދާކުރެއްވިއެވެ. ދިވެހިރާއްޖެއާއި ސްރީލަންކާއަކީ، ވަރަށް ޒަމާންވީ ގާތް ގުޅުމެއް އުފެދިފައިވާ ދެޤައުމުކަމަށާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައިވެސް މިފަދަ ގާތް ގުޅުމެއް އޮންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މި ގުޅުން އިޤްތިޞާދީ ގޮތުންނާއި ޘަގާފީ ގޮތުން ފުޅާވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ސިޔާސީ މަސްރަޙް ގޯސްވެފައިވާ މިދަނޑިވަޅުގައި، ރައީސް ރާޖަޕަކްސަ ރާއްޖެއަށް ޒިޔާރަތްކުރެއްވުމުން އެކަމުން ދޭހަވަނީ، އެމަނިކުފާނު ރާއްޖެއާމެދު ބަހައްޓަވާ ގާތްކަން ކަމުގައި ވިދާޅުވިއެވެ.

ރައީސް ރާޖަޕަކްސަގެ ވާހަކަފުޅުގައި، ސްރީލަންކާގެ ރައްޔިތުން ދެކެނީ ދިވެހިންނަކީ ވަރަށް ގާތް ބައެއްގެ ގޮތުގައި ކަމަށާއި، ރާއްޖެއަށް މިހާރު ދިމާވެފައިމިވާ މައްސަލައިގައިވެސް ސްރީލަންކާއިން ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކޮށްލެއްވުމަށް ރައީސް ރާޖަޕަކްސަ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެން، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވިއެވެ.