ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި

7 ޖުލައި 2010

hep-srilanka

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ، މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ. ސްރީލަންކާގެ ރައީސަށް، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.

ރައީސް ރާޖަޕަކްސައަށް ރަސްމީ ގޮތުން މަރްޙަބާ ދެންނެވުން އޮތީ، މާލޭ ރަސްމީ ފާލަމުގެ ކުރިމަތީގައެވެ. ރައީސް ރާޖަޕަކްސަ މާލެއަށް ފައިބާވަޑައިގަތުމާއެކު، ބިއުގަލް ކޯލެއް އެރުވުނެވެ. ރަސްމީ ފާލަމުން މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.

ރަސްމީ ފާލަމުގެ ކުރިމަތީގައި އޮތް މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއާއި ސްރީލަންކާގެ ރައީސް ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 7 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ސްރީލަންކާގެ ރައީސްގެ ޝަރަފްގައި ބޭއްވުނު އޮނަރގާޑެއް އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.