އެމް.ޑީ.ޕީގެ ޕިކަޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި.
ފޮޓޯ: ކޮބާ މަގޭ ވޯޓް (ފޭސްބުކް)
ފޮޓޯ: ކޮބާ މަގޭ ވޯޓް (ފޭސްބުކް)

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން މިހާރު ކުރިޔަށް ގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން މިއަދު ކުރިޔަށް ގެންދާ އިހްތިޖާޖްގައި އެމް.ޑީ.ޕީގެ ޕިކަޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެމް.ޑީ.ޕީގެ މައި އޮފީސް ކައިރި، ސޯސަންމަގުގައި މިއަދު (20 ފެބްރުއަރީ) ކުރިޔަށް ގެންދާ މުޒާހަރާގައި ބޭނުން ކުރަމުންދިޔަ ޕިކަޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އޭގަވާ ލައުޑް ސްޕީކަރުތަކާ ވެސް އެކުގައެވެ. މިއަދު ކުރިޔަށް ގެންދާ މި އިހްތިޖާޖަކީ ރައީސް ނަޝީދުގެ ހިމާޔަތުގައި އެމް.ޑީ.ޕީއިން ކުރިޔަށް ގެންދާ ސިލްސިލާ މުޒާހަރާގެތެރެއިން، މިއަދު އެމަނިކުފާނު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރަން ފުލުހުންނަށް ހުޅުމާލެ ކޯޓުން ނެރުނު އަމުރާއި ގުޅިގެން، ކޮންމެ ވަގުތަކުވެސް އެމަނިކުފާނު ހައްޔަރު ކޮށްފާނެ ކަމުގެ ބިރު އޮތުމުން ކުރިޔަށް ގެންދާ އިހްތިޖާޖްއެކެވެ.

ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ސިޔާސީ ދަޢުވާ ކުއްވެރިކޮށް ސުލްހަވެރިކަމާއެކު ކުރިޔަށް ގެންދާ މުޒާހަރާތަކަކީ، މިހިނގާ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު އެމަނިކުފާނު އިންޑިއަން ހައިކޮމިޝަންގެ ހިމާޔަތަށް އެދި، އެ ކޮމިޝަނަށް ވެދެވަޑައިގަތުމާ އެކު އެމަނިކުފާނުގެ ހިމާޔަތަށް އެދި އަޑު އުފުލުމަށް، އެމް.ޑީ.ޕީ އިން އަދި އެމަނިކުފާނަށް ތާއީދު ކުރާ އެތައް ހާސް ބަޔަކު ކުރިޔަށް ގެންދާ އިހްތިޖާޖް ތަކެކެވެ.