މިއަދު ހުޅުމާލޭ ކޯޓުގައި ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލްކޮށްފި

ރައީސް ނަޝީދުގެ މައްޗަށް ދަޢުލަތުންކޮށްފައިވާ ދަޢުވާއާއި ގުޅިގެން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އަޑު އެހުން ކެންސަލްކޮށްފިއެވެ.

ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވި، ހުޅުމާލޭ ކޯޓުން އެބޭފުޅުންނަށް މައުލޫމާތު ދެއްވި ގޮތުގައި ރައީސް ނަޝީދު މިއަދު ކޯޓަށް ހާޒިރު ކުރެވެން ނެތްކަމަށް ފުލުހުން ހުޅުމާލެ ކޯޓަށް އެންގުމުން އެ ކޯޓުން ވަނީ މިއަދު ހަވީރު 4:00 ގައި ބާއްވަން ހަމަޖެހިފައި އޮތް އަޑު އެހުން ކެންސަލްކޮށްފައެވެ.

އެމްޑީޕީއިން ޤަބޫލުކުރާގޮތުގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ޤާނޫނީ ސައްޙަކަމެއްނެތް، ސިޔާސީ ބޭނުންތަކަށްޓަކައި އުފައްދަވައިގެން އުޅޭ ކޯޓެކެވެ. އަދި އެކޯޓުގެ ހަމައެކަނި މަޤްސަދަކީ ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ބައިވެރިވެވަޑައިނުގެންނެވޭ ގޮތް ހެދުންކަމަށްވެސް އެމްޑީޕީއިން ދެކެއެވެ.

ރައީސް ނަޝީދުގެ ޝަރީޢަތް އިންސާފުން އެއްކިބާވެ، އާއްމު އުސޫލްތަކާއި ޚިލާފްވެ އަދި ފުލުހުން އެމަނިކުފާނު ހައްޔަރުކުރުމަށް ކުރާ މަސައްކަތާއި ދެކޮޅު ހެދުމުގެ ގޮތުން އެމްޑީޕީއަށާއި އެމަނިކުފާނުގެ ހިމާޔަތަށް އެދި ތާޢީދު ކުރާ ގިނަ ބަޔަކު މިހާރު ވެސް ދަނީ އެމް.ޑީ.ޕީގެ މައި އޮފީސް ހ. ޝަރާޝާ ދޮށަށް އެއްވަމުންނެވެ.

ނަޝީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހުޅުމާލޭ ކޯޓުން ނެރެފައިވާ އަމުރު ހައިކޯޓުގައި އިސްތިޢުނާފަށް ހުށަހެޅުމުން އެ މައްސަލަ ވެސް މައިދު ވަނީ ހައިކޯޓުން ބަލައިނުގަނެފައެވެ.