ރާއްޖޭގެ ޙާލަތާއި ގުޅޭގޮތުން ބައިނަލްއަޤްވާމީ މީޑިޔާތަކަށް މަޢުލޫމާތުދެއްވައިފި

ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ކަންތައްތަކާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ރާއްޖޭން ބޭރުގެ މީޑިޔާތަކަށް ދިނުމަށް ކޮނޅުބުގައި ޚާއްސަ ނިއުސް ކޮންފަރެންސެއް އިއްޔެ ބާއްވައިފިއެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)އިން އިއްޔެ (19 ފެބްރުއަރީ 2013) ބޭއްވި ނިއުސް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވީ، މި ޕާޓީގެ ޗެއާޕަރސަންގެ ނައިބު (މާލީ) އަޙުމަދު މައުސޫމްއާ ލ. އަތޮޅު އިސްދޫ ދާއިރާގެ ރައީސް އުމަރު ރައްޒާގުއާ ރައީސް ނަޝީދު ސަރުކާރުގެ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމްއާ ޓްރާންސްޕޯޓް މިނިސްޓަރ އާދިލް ސަލީމްއާ ފޮރިން މިނިސްޓަރ އަޙްމަދު ނަސީމްގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ކުރީގެ މެމްބަރު އައިޝަތް ވެލެޒިނީއެވެ.

މި ނިއުސް ކޮންފަރެންސްގައި ރާއްޖޭގެ ސިޔާސީ މަޝްރަޙާއި ގުޅޭގޮތުންނާއި، ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާއާ ގުޅޭގޮތުން މަޢުލޫމާތު ދެއްވީ، އަޙްމަދު މައުސޫމްއާ އަޙްމަދު ނަސީމްއެވެ. އަދި ކޯނީގެ ރިޕޯޓާއި ގުޅޭގޮތުންނާއި، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ކުރިއަށް ގެންދަވާ ކޯނީ ރިޕޯޓްގެ ތަހްޤީގާއި ގުޅޭގޮތުން މުޙައްމަދު އަސްލަމް މައުލޫމާތު ދެއްވިއިރު، އާދިލް ސަލީމް މާލޭގައި މިހާރު ހިނގަމުންދާ މުޒާހަރާތަކާއި ގުޅޭގޮތުން މަޢުލޫމާތުދެއްވާފައެވެ. މީގެ އިތުރުން ރާއްޖޭގެ ޝަރުޢީ ދާއިރާއާ ގުޅޭގޮތުން އައިޝަތު ވެލެޒިނީ ވެސް ބައިނަލްއަޤުވާމީ މީޑިޔާތަކަށް މަޢުލޫމާތުދެއްވިއެވެ.

ނިއުސް ވަން ޗެނަލްއިން ލައިވްކުރި މި ނިއުސް ކޮންފަރެންސްގެ ބޭރުން ވެސް، މީޑިޔާއިން ކުރެއްވި ބައެއް ސުވާލުތަކަށް އެމްޑީޕީގެ ޓީމުން ވަނީ ޖަވާބުދެއްވާފައެވެ.