ރައީސް ނަޝީދު ހައްޔަރުކުރަން ނެރުނު އަމުރު އިސްތިޢުނާފު ކުރުމަށް ހުށަހެޅުމުން ބަލައެއް ނުގަތް

raeescourt

ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހުޅުމާލޭ ކޯޓުން ނެރެފައިވާ އަމުރު ހައިކޯޓުގައި އިސްތިޢުނާފަށް ހުށަހެޅުމުން ބަލައިގަނެވެން ނެތް ކަމަށް ހައިކޯޓުން ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމަށް މިއަދު އަންގައިފިއެވެ.

ރައީސް ނަޝީދުގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ، ރައީސް ނަޝީދު ހައްޔަރުކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް ކުޅަ މިޢަމުރުގައި 20 ފެބްރުއަރީ ވާ ބުދަ ދުވަހު ހަވީރު 4.00 އަށް ރައީސް ނަޝީދު ފުލުހުންގެ ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި މިއަމުރު މިއަދު ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅުމުން، ބަލައިގަނެވެން ނެތް ކަމަށް ރައީސް ނަޝީދުގެ ވަކީލުންގެ ޓީމަށް ހައިކޯޓުން އަންގާފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.

އެމްޑީޕީއިން ޤަބޫލުކުރާގޮތުގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ޤާނޫނީ ސައްޙަކަމެއްނެތް، ސިޔާސީ ބޭނުންތަކަށްޓަކައި އުފައްދަވައިގެން އުޅޭ ކޯޓެކެވެ. އަދި އެކޯޓުގެ ހަމައެކަނި މަޤްސަދަކީ ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ބައިވެރިވެވަޑައިނުގެންނެވޭ ގޮތް ހެދުންކަމަށްވެސް އެމްޑީޕީއިން ދެކެއެވެ.

ރައީސް ނަޝީދުގެ ޝަރީޢަތް އިންސާފުން އެއްކިބާވެ، އާއްމު އުސޫލްތަކާއި ޚިލާފްވެ އަދި ފުލުހުން އެމަނިކުފާނު ހައްޔަރުކުރުމަށް ކުރާ މަސައްކަތާއި ދެކޮޅު ހެދުމުގެ ގޮތުން އެމްޑީޕީއަށާއި އެމަނިކުފާނުގެ ހިމާޔަތަށް އެދި ތާޢީދު ކުރާ ހުރިހާ ފަރާތްތަކެއް އެމް.ޑީ.ޕީގެ މައި އޮފީސް ހ. ޝަރާޝާ ދޮށަށް އައުމަށް އެމް.ޑީ.ޕީއިން އެދެއެވެ.