ނޫސްބަޔާން: ޕީޖީ ގްރޫޕުގެ ނައިބު ލީޑަރ ޢަލީ ވަޙީދަށް މިހާރުގެ ސަރުކާރުން ބިރުދައްކަމުންދާދިއުން ކުށްވެރިކުރުން

noosbayan

ނަންބަރު:MDP-2013-PR-21
ތާރީޚް: 20 ފެބުރުއަރީ 2013 (ބުދަ)

ޕީޖީ ގްރޫޕުގެ ނައިބު ލީޑަރ ޢަލީ ވަޙީދަށް މިހާރުގެ ސަރުކާރުން ބިރުދައްކަމުންދާދިއުން ކުށްވެރިކުރުން

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ(އެމް.ޑީ.ޕީ) ގެ ޕާރލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރ އަލްފާޟިލް ޢަލީ ވަޙީދަށް މިހާރުގެ ސަރުކާރުން އެކި ސިފާގައި ބިރުދެއްކުމުގެ ޢަމަލުތައް ހިންގަމުން ގެންދާތީ އެކަން މިޕާރޓީން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީގެ ޕާރލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރ އަލްފާޟިލް ޢަލީ ވަޙީދު ރައްޔިތުންގެ މަޖިލީހުގެ “ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ”ގެ މުޤައްރިރުގެ ޙައިސިއްޔަތުން އެމަނިކުފާނުގެ މަސްއޫލިއްޔަތު އަދާކުރައްވައި، ކޯނީގެ ރިޕޯރޓް ދިރާސާކުރެއްވުމުގެ ތެރެއިން ބޮޑެތި ޙަޤީޤަތްތަކެއް ރައްޔިތުންނާ ހަމައަށް ތިލަކޮށްދެއްވައި، ރައީސް ނަޝީދުގެ ވެރިކަން ވައްޓާލާފައިވަނީ ބަޣާވާތަކުންކަން ސަލާމަތީ ޚިދުމަތްތަކުގެ އެންމެ އިސް ވެރިންގެ ހެކިބަސް މެދުވެރިކުރައްވައި ބަޣާވާތް އިތުރަށް ފަޅާއަރުވާލެއްވުމާގުޅިގެން، މި ސަރުކާރުން އެކި މީހުން މެދުވެރިވެގެން އަދި އެކި ސިފަސިފާގައި އެމަނިކުފާނަށް ބިރުދައްކަމުންދާކަން މި ޕާރޓީން ފާހަގަކުރަމެވެ. މިގޮތުން އެމަނިކުފާނު “ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ” ގެ މުޤައްރިރުކަމުންނާއި އަދި މި ޕާރޓީން އިސްތިއުފާ ދެއްވުމަށާއި އަދި އެގޮތަށް ޢަމަލު ނުކުރައްވައިފިނަމަ އެމަނިކުފާނާއި އެމަނިކުފާނުގެ އާޢިލާ ޖަލައްލާނޭކަމުގެ ބިރުދައްކައި އިންޒާރުދެމުންގެންދާކަން ފާހަގަކުރަމެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސްގެ ބޭބޭފުޅު ކޮރަޕްޝަންގެ މައްސަލައެއްގައިކަމަށް ބުނެ ހައްޔަރުކުރުމާގުޅިގެން ބިރުދެއްކުމާއި އިންޒާރުކުރުން އިތުރުކޮށްފައިވެއެވެ.

ޢިއްޒަތްތެރި މެމްބަރ ޢަލީ ވަޙީދުގެ މައްޗަށް އެއްވެސް ކޮރަޕްޝަންގެ ތުހުމަތެއްކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ވިޔަސް ނުވަތަ ފުލުހުންގެ މުވައްސަސާއިން ވިޔަސް އެމިނަކުފާނާ މިހާތަނަށް އެއްވެސް ސުވާލެއް ކުރައްވާފައި ނުވާއިރު، އެއިން އެއްވެސް މުވައްސަސާއަކަށް އެފަދަ ކަމަކާ ގުޅިގެން ޙާޟިރުވުމަށް އަމުރެއްކޮށްފައި ނުވާކަން ވެސް މި ޕާރޓީން ފާހަގަކުރަމެވެ. އަދި އެމަނިކުފާނާ ކުރެވޭ އެއްވެސް ސުވާލަކަށް އެމަނިކުފާނު ޖަވާބުދެއްވުމަށް ކެރިވަޑައިނުގަންނަވާނޭފަދަ އެއްވެސް ކަމެއް ނުވަތަ ސިއްރެއް ނޯންނާނޭކަމުގެ ޔަޤީންކަން މިޕާރޓީއަށް އޮވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަދި މިޕާރޓީގެ ޕާރލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރ އަލްފާޟިލް ޢަލީ ވަޙީދަކީ މި ޕާރޓީއާއި އަދި މި ޕާރޓީގެ ޕާރލަމެންޓްރީ ގްރޫޕް ތަމްސީލުކުރެއްވުމުގައި ނުހަރު ކުޅަދާނަ، ހުޝިޔާރު އަދި ޖެހިލުންކުޑަކަމާއެކު މަސައްކަތްކުރައްވަމުން ގެންދަވާ އިޚްލާޞްތެރި ބޭފުޅަކަށްވެފައި، އަދި “ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ” ގެ މުޤައްރިރުކަމަށް ވީހިނދު، އެ ޙައިޞިއްޔަތުން އެމަނިކުފާނަކީ އިދިކޮޅު ފަރާތްތަކާއި ޚާއްޞަކޮށް މިހާރު މިއޮތް ބަޣާވާތުގެ ސަރުކާރު އެންމެ ބޮޑަށް ޖެހިލުންވާ އެއް ޝަޙުސިއްޔަތެވެ. އަދި އެމަނިކުފާނަށް ދޭ އިންޒާރަކަށް ނުވަތަ ދައްކާ ބިރަކަށް ބެއްލެވުމެއްނެތި ސާބިތުކަމާއެކު އެމަނިކުފާނުގެ މަސްއޫލިއްޔަތު އަދާކުރެއްވުންމަތީ ދެމިހުންނަވާނޭކަމުގެ ޔަޤީންކަން މިޕާރޓީއަށް އޮވެއެވެ.


ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް