ދިވެހިރާއްޖޭގެ ޤާނޫނީ ރައީސްއަކީ މުޙައްމަދު ނަޝީދު – ޖަނާތާ ޕާޓީ

swamy_PTI2

ދިވެހިރާއްޖޭގެ ޤާނޫނީ ރައީސުލްޖުމްހޫރިއްޔާއަކީ އަދިވެސް މުޙައްމަދު ނަޝީދު ކަމަށާއި، މިހާރުގެ ސަރުކާރަކީ ބަޣާވާތެއްކަމަށް އިންޑިޔާގެ އިނދިކޮޅު ޕާޓީ، ބަހަރްތިޔަ ޖަނަތަ ޕާޓީ( ބީ.ޖޭ.ޕީ)ގެ ރައީސް ސުބްރަމަނިއަން ސްވާމީ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އިއްޔެ ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ، ރައީސް ނަޝީދަކީ ދިވެހިރާއްޖޭގެ ޤާނޫނީ ރައީސްކަމަށާއި، އެމަނިކުފާނު ބޭނުންފުޅު އިރަކު އިންޑިއަން ހައި ކޮމިޝަންގައި ހުންނެވޭނޭ ކަމަށެވެ.
މީގެ އިތުރުން އެ ބަޔާނުގައި ވަނީ، ރާއްޖޭގެ މަސްރަހު މިހާރު އޮތް ގޮތުން ރާއްޖޭގެ ސަލާމަތީ ބާރުތަކުން އިންޑިއަން ހައިކޮމިޝަންގެ ތެރެއަށް ވަނުމުގެ ބިރު އެބައޮތް ކަމަށާއި، ހައިކޮމިޝަން ދިފާއު ކުރުމަކީ މިހާރު ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެކަމަށްޓަކައި އިންޑިއާ ސިފައިން ރާއްޖެ ފޮނުވުމަށް އެޕާޓީން ވަނީ އިންޑިއާ ސަރުކާރަށް ގޮވާލާފައެވެ.

ރާއްޖޭގެ އޮލައިން ނޫހެއްކަމަށްވާ ސީ.އެން.އެމް އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ސުބްރަމަނިއަން ސްވާމީ ވިދާޅުވެފައިވަނީ، މިހާރުން މިހާރަށް ހައިކޮމިޝަނުގެ ހިމާޔަތައް އިންޑިއާ ސަރުކާރުން ފިޔަވަޅު އެޅުމަށް ގޮވާލައްވާ ކަމަށެވެ. އަދި އެއްވެސް ގައުމެއްގެ އިއްޒަތްތެރިން ބޭރު ގައުމެއްގެ ހައިކޮމިޝަން ނުވަތަ އެމްބަސީއަކަށް ވަޑައިގެންނެވުމުން ފޮނުވާނުލާނެ ކަމަށާއި އިންޑިއަން ހައިކޮމިޝަނުގެ ނިންމެވުމަށް ތާއީދު ކުރައްވާ ކަމަށް ސުބްރަމަނިއަން ސްވާމީ ވިދާޅުވިކަމަށް އެ ވެބްސައިޓްގައި ވެއެވެ. އަދި ނަޝީދު ބޭނުންފުޅު އިރަކު އެތަނުގައި ހުންނެވޭނެ ކަމަށާއި، އެތަނުން ވަޑައިގަންނަވަން ޖެހޭނީ ވެސް އަމިއްލަފުޅަށް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ސުބްރަމަނިއަން ސްވާމީ ވިދާޅުވިއެވެ.