މެންބަރުންގެޚިޔާލު .. ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީއެވެ (1)

ފުނަމާ

އަންޒަމާނުއްސުރެ ދިވެހީން ދިރިއުޅެމުން ގެންގޮސްފައިވަނީ ވަކި ސަޤާފަތެއްގެ ތެރޭގައެވެ. 21 ވަނަ ޤަރުނު ފެށި ރާއްޖޭގެ އެއްފަރާތުން އަނެފަރާތަށް އަރާފޭބި ސުނާމީއަކީ ރާއްޖޭގެ ސަޤާފަތު ބަދަލުވެގެންދިޔަ ހާދިސާއެއް ކަމުގައި ދުށުމަކީ މޮޔަކަވެކެވެ.
ރާއްޖޭގެ ތާރީޚް އެނގޭން ފެށީއްސުރެ ރާއްޖޭގައި ދިރިއުޅެމުން އައިސްފައިވަނީ ވެރިންނާއި އަޅުންނެވެ. އެކަން އެންމެ ފަސޭހައިން އެނގޭން މިއޮތީ ވާހަކަ ދެއްކުމުގެ ބަހުރުވައިންނެވެ. ކީރިތި ﷲ ގެ މަތިވެރި ދީން ޤަބޫލުކޮށް ﷲ އަށް މެނުވީ އަޅުވެތިނުވާ މިދިވެހީން އެއިލާހުގެ ހަޒުރަތުގައި ދުއާ ދަންނަވާއިރު އަމިއްލަ ނަފްސާއި މުޚާތަބު ކުރަނީ “އަޅު” މިފަދައިން ކަމުގައި ވީނަމަވެސް މިޤައުމުގެ ވެރީންނާއި މުޚާތަބުކުރާއިރު ނުވަތަ އެމީހުންނަށް ވިޔާއިރު “އަޅުގަނޑު” އަށް ބަދަލުވެގެން މިދަނީ އެސަބަބަށްޓަކައެވެ. އާދޭހެވެ ދިވެހީންގެ ވެރީންގެ ކުރިމަތީގައި އާންމު ރައްޔިތުންނާއި އަޅުންނެވެ. އެބައިމީހުން ހިތުހުރިގޮތެއް ހަދައި ބޭނުންގޮތަކަށް ކަންކުރާން އެއްވެސް އާރެއް ބާރެއް ނެތް އަޅުންތަކެއްގެ ގޮތުގައި އާންމު ރައްޔިތުން ގެންގުޅެނީއެވެ.
ފަހަރެއްގައި މިކަމަކީ އިސްލާންދީން އައުމުގެ ކުރީން މިތަނުގައިއޮތް ސަޤާފަތެއް ދިރުވާން މަސައްކަތް ކުރަނީ ކަމުގައިވެސް ވެދާނެއެވެ. ދިވެހިރާއްޖެއާއި ގުޅިފައިވާ ފޯކުލޯރ ތަކަށް ބަލާއިރު ކޮއިމަލާ އޭނާގެ އަޅުންނާއެކު ރާއްޖެއައިސް ރަސްގެތީމާއި އަޅުންގެ ތީމު (މިހާރުގެ ނަމުންނަމަ އަނގޮޅިތީމު) ގައި ތިބުމަށްފަހު މާލެ އައި ވާހަކަ ދެކެވެއެވެ. މިއީ ހަޤީޤަތެއްނަމަ އެހިސާބުން ރާއްޖޭގައި އުޅުނު އެންމެހާ ވަޒަންވެރީން ކޮއިމަލާގެ އަޅުންގެ އަޅުންނަށް ވެގެން ދިޔައީކަމުގައި ވުމަކީ ވެސް އެކަށީގެންވާކަމެކެވެ.
ކުރީޒަމާނުގައި ރާއްޖޭގައި އޮތީ ރަސްކަމެވެ. ވާރުތަވަމުން އައި ކީރިތި މަހާރަދުން ނާއި ރަނިކަމަނާއިންގެ ރަސްކަމެވެ. މީހުންގެ މުދަލުންފެށިގެން އަނބީންނަކީވެސް ރަސްކަމުގައި ހުންނަވާ ރަދުންގެ މިލްކެކެވެ. ކީރިތި ކަމާ މޫރިތިކަމުގެ ވެރި ރަސްކަލުންނަށް ދިވެހި އާންމު ރައްޔަތުން ކުރުނީސްކޮށް އަޅުވެތިވާން ޖެހެއެވެ. ނޫނީ އެމީހަކަށްހުރީ އަޒާބެވެ. ރަސްގެފާނު ބޭނުންނަމަ ދަރަޖަ ވަކިކުރެވެއެވެ. ކިލެގެއިން، ބޮޑު، ހައްގު ފަދަ ނަންނަން ކިޔައި މީހުންގެ ދަރަޖަ ތަފާތުކުރެއެވެ.
ޒަމާންތަކަށްފަހު ދިވެހީން އެރަސްކަށް ދޫކޮށް ޖުމްހޫރިއްޔަތެއް އުފެއްދިއެވެ. އަޚުންނާއި ބޮޑުން ، ކޮއިލުތެރޭގެ އިއްޒަތްތެރީން އަޑީގައި ތިބެ އެވެރިކަމަށް އިސްކުރި މީހާވެސް މަރާލައި އަލުން ރަސްކަމަކަށް ބަދަލުކޮށްލީއެވެ. މިއީވެސް ކައިރިން ފެންނާންއޮތް މާޒީއެވެ. ނަމަވެސް ދިވެހީން އަނެއްކާވެސް ޖުމްހޫރިއްޔަތެއް ޤާއިމްކޮށް ކުރިއަށް މިއައީއެވެ. ނާސިރުގެ 10 އަހަރު ނިމި މައުމޫނުގެ ވެރިކަން ފެށުނީއެވެ. އެއާއެކު ކުރީގެ ސަޤާފަތް ފިސާރި ރަނގަޅަށް ދިވެހީންގެ ތެރޭގައި އާލާކުރާން ފެށުނެވެ. މަޑުމަޑުން ދިވެހި ސަޤާފަތް ދިރުމުގެ ނަމުގައި ރައްޔިތުން ދިޔައީ އަޅުވެތި ކުރަމުންނެވެ. ނުރުހޭ ކޮންމެ މީހަކު ހައްޔަރުކޮށް ބޮޑެތި އަނިޔާދެމުން ގެންދިޔައީއެވެ. ދީނީގޮތުން އޭނާއާއި ވާދަކޮއްފާނެ ކޮންމެ މީހަކަށް އެދިން އަނިޔާއާއި ޖަލުތަކުގައި މީހުންމެރުން ފަދަ ކަންކަމަކީ ދިވެހީން އަދި ހަނދާންނެތޭނެ ކަންކަމެއްނޫނެވެ.
މައުމޫނުގެ ވެރިކަމުގައި އޭނާއަށް އަޅުކަންކުރާ ބަޔަކު އުޅެޔޭ ބުނާއަޑު ތުންތުންމަތިން އިވެއެވެ. އެކަން މިއަދު ފާޅުވާ ހެންވެސް ހީވެއެވެ. އަރިހުގައި އުޅުނުބައެއް ބޭފުޅުން މައުމޫނަކީ އުޑުގައި ހިންގާ ވާރޭވިލާއާއި ކަނޑުގައި ލެއްވި ރިޒުގުގެ ވެރިއެއް ކަމުގައިވެސް ބުނެފިއެވެ. އަދި ތަރިތަކުގެ ވެރިކަން ދީގެންއުޅުނު ނުޒޫމީ ރޯނުއެދުރަކަށްވެސް ދާދިފަހުން ފާވީތާއެވެ. އިންސާނުންގެ ފިޠުރަރުގައި ﷲ ތައާލާ ލެއްވި ކުށާއި ފާފައަށް ހުށައެޅި ދާފަދަ ހާލަތެއްވެސް މައުމޫނުގެ ކިބައިގައި ނުހުންނާނެ ކަމުގައި ހުވާކޮށް ބުނާ ފާސިގުލް އަކްބަރަކުވެސް މިއަދު ފާވެއްޖެއެވެ.