އިންޑިއަން ހައިކޮމިޝަންގެ ހިމާޔަތުގައި ހުންނެވެ މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދަށް ރީނދު މަލުގެ ގުލްދަސްތާ ވެދުމަށް އަރުވައިފިއެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީގެ) އަންހެނުންގެ ރޫޙްގެ ފަރާތުން މިއަދު (19 ފެބްރުއަރީ) ދަރުބާރުގޭ ފާށަނާ މާލަމުގައި ބޭއްވި ބައްދަލުވުމަށް ފަހު އިންޑިއަން ހައިކޮމިޝަންގެ ހިމާޔަތުގައި ހުންނެވި މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދަށް ރީނދު މަލުގެ ގުލްދަސްތާ ވެދުމަށް އެރުވުމަށް ދިއުމުން ފުލުހުން އެ ސަރަހައްދު ވަށައިގެން ބެރިކޭޑު ޖަހައި ބަންދުކުރީއެވެ. އަދި އިންޑިއަން ހައިކޮމިޝަންގެ ބޭފުޅުން ފުލުހުންނާ މުއާމަލާތް ކުރުމުން އެއްވެތިބި އަންހެނުންގެ ތެރެއިން 5 މީހުނަށް އެސަރަހައްދަށް ވަނުމަށް ހުއްދަ ދީ، މިއަދުގެ ހަވީރުގެ ވަގުތު ރައީސް ނަޝީދަށް ވަނީ ރީނދޫ މަލުގެ ގުލްދަސްތާ ވެދުމަށް އަރުވާފައެވެ.
މިކަމާ ގުޅެގޮތުން އަންހެނުންގެ ރޫޙްގެ ފަރާތުން މިނިސްޓަރ ޝިފާ ވިދާޅުވީ “އެމް.ޑީ.ޕީގެ އަންހެނުން ރޫޙްގެ ފަރާތުން ރައީސް ނަޝީދަށް ހެޔޮއެދި ހިތްވަރު ދިނުމުގެ ގޮތުން އެމަނިކުފާނަށް ވެދުމަށް އެރުވުމަށް މަލުގެ ގުލްދަސްތާ ހިފައިގެން ދިއުމުން ދަރުމަވަންތަ ސްކޫލްއާ ޓްރޭޑަރސް ހޮޓާ ކަންމަތިން ބޭރިކޭޑް ޖަހާ ބަންދުކޮށް އެއްވެސް މީހަކަށް ނުވަދެވޭނެ ގޮތް ހަދާ އަޅުގަޑުމެން ހިފެހެއްޓީ.” އަދި ޝިފާ އިތުރަށް ވިދާޅުވީ “މިކަން މިހެންހިގުމުން އިންޑިއަން ހައިކޮމިޝަނުގެ ބޭފުޅުން އެސަރަހައްދު ބޭރިކޭޑް ޖަހައި ބަންދުކޮށްގެން ތިބި ފުލުހުންނާ ވާހަކަ ދައްކަވާ ރައީސް ނަޝީދަށް އަންހެނުންގެ ރޫޙްގެ ފަރާތުން ވެދުން ކުރާ ގުލްދަސްތާ ވެދުމަށް އެރުވުމަށް ހައިކޮމިޝަނަށް ވަނުމުގެ ހުއްދަ ދިނުމުންވެސް ފުލުހުން އިންކާރުކުރީ.” “އަދި މިކަން މިހެން ހިނގުމުން އަންހެނުންގެ ރޫޙްގެ ފަރާތުން އެސަރަހައްދު ދޫކޮށް ނުދާނެކަން ފުލުހުންނަށް ޔަގީންވުމުން އެއްވެތިބި މީހުންގެ ތެރެއިން 5 މީހުންނަށް ހުއްދަދީ ރައީސް ނަޝީދު ގެ އަރިއަހަށް މަލުގެ ގުލްދަސްތާ ވެދުމަށް އެރުވުމުގެ ފުރުސަތު ދިނީ.”
މިއަދު ހަވީރު އަންހެނުންގެ ރޫޙްގެ ފަރާތުން ކުރިޔަށް ގެންދިޔަ މި ހަރަކާތަށް ފަހު މިރޭވެސް ރައީސް ނަޝީދުގެ ހިމާޔަތުގައި ނިކުންނަ ގޮތަށް އެމް.ޑީ.ޕީއިން ވަނީ ހަމަޖައްސާފައެވެ. މިރޭގެ ހިނގާލުން ފެށޭނީ އުސްފަސްގަނޑު ސަރަހައްދުން 9 ޖަހާއިރުއެވެ.