ރައީސް ނަޝީދު ހައްޔަރުކުރުމަށް ދެވަނަ ފަހަރަށް ނެރެފައިވާ ޢަމުރު އެމްޑީޕީއިން ކުށްވެރިކުރުން

noosbayan

ރައީސް ނަޝީދު ހައްޔަރުކުރުމަށް އެންމެ ފަހުން ނެރެފައިވާ ޢަމުރަކީ ސިޔާސީ ބޭނުމެއްގައި ނެރެފައިވާ ޢަމުރެއްކަމަށްބުނެ، މޯލްޑީވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މިކަން ކުށްވެރިކުރަމެވެ.

ރާއްޖޭގެ މީޑިޔާތަކުގައި ޚަބަރުފެތުރިފައިވާގޮތުގައި ރައީސް ނަޝީދު ހައްޔަރުކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން އެންމެ ފަހުން ޢަމުރު ނެރެފައިވަނީ ފެބްރުއަރީ 17 ވީ އާދިއްތަ ދުވަހުއެވެ. ފުލުހުންގެ މައްޗަށް ކުޅަ މިޢަމުރުގައި 20 ފެބްރުއަރީވާ ބުދަ ދުވަހު ހަވީރު 4.00 އަށް ރައީސް ނަޝީދު ފުލުހުންގެ ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކުރުމަށްވަނީ އަންގާފައެވެ.

އެމްޑީޕީއިން ޤަބޫލުކުރާގޮތުގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ޤާނޫނީ ސައްޙަކަމެއްނެތް، ސިޔާސީ ބޭނުންތަކަށްޓަކައި ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު އުފައްދަވައިގެން އުޅުއްވާ، އޭނާގެ ކޮންޓްރޯލްގެ ދަށުގައި އޮތް ސިޔާސީ ހަތިޔާރެކެވެ. އަދި އެކޯޓުގެ ހަމައެކަނި މަޤްސަދަކީ ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ބައިވެރިވެވަޑައިނުގެންނެވޭ ގޮތް ހެދުންކަމަށްވެސް އެމްޑީޕީއިން ދެކެއެވެ.

އެންމެ ފަހުން މިނެރުނު ކޯޓު ޢަމުރާ ގުޅޭގޮތުން އެމްޑީޕީގެ ތަރުޖަމާނު އަދި ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު ޙާމިދު ޢަބްދުލް ޣަފޫރު ވިދާޅުވެފައިވަނީ “ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ޑރ. ވަޙީދާއި، ޢަދުލް އިންސާފުގެ ނިޒާމުގެ ތެރޭގައި ތިބި އޭނާގެ ވާގިވެރިންނާ އެކުވެ، މަސްހުނިވެގެން ރައީސް މުޙައްމަދު ނަޝީދަށް ޙުކުމްކުރުމަށް އުފައްދާފައިވާ ކޯޓެއްކަމަށާއި، އެހެން ދަންނަވާންޖެހެނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ޑރ. ވަޙީދު ޢައްޔަންކުރައްވާފައި ތިއްބަވާ މެންބަރުންނާއި، ރައީސް ނަޝީދާއެކު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން އިޢުލާންކުރައްވާފައި ތިއްބެވި ސިޔާސީ ވާދަވެރިންވެސް ތިއްބެވުންކަމަށެވެ.”

“ޢަދުލް އިންސާފުގެ ނިޒާމު މުސްތަޤިއްލުކަމަށް ވިދާޅުވެ އެވާހަކައިގެ ފަރުދާގައި ޑރ. ވަޙީދު ހުންނެވިނަމަވެސް، އޭނާގެ އިނގިލީގެ ނިޝާންތަކުން މިޝަރީޢަތްވަނީ ފުރިފައި”ކަމަށްވެސް ޙާމިދު ޢަބްދުލް ޣަފޫރު ވިދާޅުވިއެވެ.

މީގެއިތުރުން “އިންޑިޔާއާއި، ވިލާތުގެ އިއްތިޙާދާއި، އެމެރިކާއާއި، އދއާއި، އިނގިރޭސިވިލާތާއި، ކޮމަންވެލްތުންވެސް ދިވެހިރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބު ވާންވާނީ މިނިވަން އިންސާފުވެރި އަދި ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ އިންތިޚާބެއްކަމަށް ބުނަމުންދާއިރު، ޑރ. ވަޙީދު އެގެންދަވަނީ މުޅި ދުނިޔެއަށް ގޮންޖައްސަވާ ރައީސް ނަޝީދުގެ މައްޗަށް ސިޔާސީ ދައުވާއެއް ކުރައްވަމުން”ކަމަށްވެސް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙާމިދު ޢަބްދުލް ޣަފޫރު އިތުރަށް ވިދާޅުވިމެއެވެ.”