ރޭގެ ހިނގާލުމުގައި ބައިވެރިވި 8 މީހުކު ފުލުހުން ހައްޔަރުކޮށްފި

mdpnasheedgehimaayathugai1822013 (16)

ރައީސް ނަޝީދުގެ ހިމާޔަތަށް އެދި ގޮވާލާ ރޭ (18 ފެބްރުއަރީ) ކުރިޔަށް ގެންދިޔަ ސުލްހަވެރި އިޙްތިޖާޖް ރޫޅާލުމުގެ މަޤްސަދުގައި އާއްމުންނަށް އަނިޔާވެރިވެ، 8 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ރައީސް ނަޝީދުގެ ހިމާޔަތަށް އެދި ގޮވާލާ ކުރިޔަށް ގެންދާ ސިލްސިލާ ހިނގާލުމުގެ ތެރެއިން ރޭ ބޭއްވި ސުލްޙަވެރި ހިނގާލުމުގައި ހައްޔަރުކުރި ފަރާތްތައް ހައްޔަރުކޮށްފައިވަނީ، އަމީރު އަޙްމަދު މަގާއި، ޗާންދަނީ މަގު ގުޅުނު ހިސާބުންނެވެ. މި އެންމެން ހައްޔަރުކުރުމުގައި ފުލުހުން ވަނީ އަނިޔާވެރިކަމާއި ގަދަބާރު ބޭނުންކޮށްފައެވެ.

ރައީސް ނަޝީދުގެ ހިމާޔަތަށް އެދި ގޮވާލާ އެތައް ހާސް ރައްޔިތުންނެއް ރޭ ކުރިއަށް ގެންދިޔަ އިޚްތިޖާޖަކީ، ޤާނޫން އަސާސީން އެފަރާތްތަކަށް ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމުގެ ޙުދޫދުގެ ތެރެއިން، ކުރިޔަށް ގެންދިޔަ އިޚުތިޖާޖްތަކެކެވެ. އަދި ޤާނޫން އަސާސީއިން ލިބިދީފައިވާ މިނިވަންކަމުގެ ޙައްޤުތަކުގެ ބޭނުން އެންމެ ފުޅާ ދާއިރާގައި ކުރާނެކަމުގައި އެމް.ޑީ.ޕީއިން ދަނީ ބުނަމުންނެވެ. އަދި މިޙައްޤުގެ ދިފާއުގައި ކުރަންޖެހިއްޖެ ކޮންމެ ކަމެއްވެސް ކުރާނޭ ކަމުގައި ވެސް އެމް.ޑީ.ޕީއިން ބުނެއެވެ.
ރައީސް ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ދައުލަތުންކޮށްފައިވާ ޣައިރު ޤާނޫނީ ދަޢުވާގެ އަޑުއެހުމަކަށް ރައީސް ނަޝީދު ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަށް އެކޯޓުން އަނެއްކާވެސް އަމުރު ވަނީ ނެރެފައެވެ. އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ހިސާން ހުސައިން ވިދާޅުވީ، ރައީސް ނަޝީދު ބަންދުގައި ބަހައްޓައިގެން މި ހަފްތާގެ ބުދަ ދުވަހު ބާއްވާ އަޑުއެހުމަކަށް އެމަނިކުފާނު ހާޒިރުކޮށް ދިނުމަށް އެދި ފުލުހުންގެ މައްޗަށް ހުޅުމާލޭ ކޯޓުން އަމުރެއް ނެރެފައިވާކަމަށެވެ. އަދި ހުޅުމާލެ ކޯޓުން ނެރުނެ މިއަމުރު ނެރުނު ވަގުތުން ފެށިގެން މި ހަފްތާގެ ބުދަ ދުވަހުގެ ކޯޓަށް ހާޒިރުކުރާ ވަގުތާ ދެމެދު މި ހިނގާ ކޮންމެ ވަގުތެއްގައިވެސް ފުލުހުން އެމަނިކުފާނު ހައްޔަރުކުރާނެ ކަމުގެ ބިރު އެބައޮތްކަމަށް ވެސް ހިސާން ވިދާޅުވިއެވެ.