ޢަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝައިޙް ހުސައިން ރަޝީދު އެމްޑީޕީގެ މެމްބަރޝިޕް އިތުރުކުރުމަށް އެހީތެރިވެދެއްވައިފި

hussain-rasheed2-400x277

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރޝިޕް އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތަށް ޢަދާލަތު ޕާޓިގެ ކުރީގެ ރައީސް ޝައިޚް ހުސައިން ރަޝީދު ހަސަން އެހީތެރިވެދެއްވައިފިއެވެ.

ޝައިޙް ހުސައިން ރަޝީދުވަނީ އިއްޔެ އެމްޑީޕީ ސެކްރެޓޭރިއޭޓަށް 91އެއް މެމްބަރޝިޕް ފޯމް ހުށަހަޅުއްވާފައެވެ. މި ފޯމްތަކާއި ސެކްރެޓޭރިއޭޓްގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ، ޗެއާޕަރސަންގެ ނައިބު (އިދާރީ) އަލީ ޝިޔާމް އެވެ.

މި ހަފްތާގެ އާދިއްތަ ދުވަހުވެސް ޕާޓީގެ އޮފީހަށް ވަނީ 221 މެމްބަރޝިޕް ފޯމު ލިބިފައެވެ. އެއީ ދ. ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުލް ރަހްމާން ހުށަހެޅި 120 ފޯމާއި، އެއަތޮޅު މީދޫ ދާއިރާގެ ރައީސް މުޙައްމަދު ޖައިޝް އިބްރާހިމް (ޖޭމޭ) ހުށަހެޅި 39 ފޯމާއި، ހއ. އިހަވަންދޫ، އަޙްމަދު ރަޝީދު ހުށަހެޅި 62 މެމްބަރޝިޕް ފޯމެވެ.

މީގެއުތުރުން ހުސްވި ހަފްތާގައި ޕާޓީގެ އޮފީހަށް ވަނީ 199 ފޯމު ލިބިފައެވެ. އެއީ ހުޅުހެންވޭރު ދާއިރާގެ 98 ފޯމާއި، ހދ. ވައިކަރަދޫ މުޙައްމަދު ނާޒިމްގެ ފަރާތުން ލިބުނު 12 ފޯމާއި، ޅ. ކުރެންދޫ މުޙައްމަދު އާރިފް ހުށަހެޅި 38 ފޯމްގެ އިތުރުން ނ. ވެލިދޫ އިބްރާހިމް ފާއިޒް ހުށަހެޅި 51 މެމްބަރޝިޕް ފޯމެވެ.

ޝައިޙް ހުސައިން ރަޝީދް އެމްޑީޕީއާ ގުޅިވަޑައިގެންނެވީ، 16 ޖެނުއަރީގައި އެމްޑީޕީން ބޭއްވި ޚާއްސަ ޖަލްސާގައެވެ.

އެމްޑީޕީގެ މެމްބަރޝިޕް އިތުރުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފަށާފައި މިވަނީ، މަޑަވެލި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ޤައުމީ މަޖިލީހަށް ހުށަހެޅުއްވި ޤަރާރް ފާސްވުމާއި ގުޅިގެންނެވެ.

ޤައުމީ މަޖިލީހަށް ނާޒިމް ހުށަހެޅުއްވި ޤަރާރުގައި ވަނީ، ޕާޓީގެ 77 ދާއިރާއިން ކޮންމެ ދާއިރާއަކުން 50 ފޯރމާއި ( 3850) ޕާލިމެންޓްރީ ގްރޫޕްގެ ކޮންމެ މެމްބަރަކު 50 ފޯރމް (1500) ލިބޭނެ ގޮތަކަށް ޕާޓީގެ މައި އޮފީހުން އެދާއިރާގެ ކަމާއި ގުޅުންހުރި ބޭފުޅުންނާއި ގުޅައިގެން 3 މަސް ދުވަހުގެ ތެރޭގައި 5850 ފޯރމް ހުށަހެޅޭ ވަރަށް މަސައްކަތް ފެއްޓުމަށް ގޮވާލާކަމަށެވެ.