ދިވެހިރާއްޖޭގައި ޑެމޮކްރެޓިކް ހަމަތައް ދެމެހެއްޓުމަށްޓަކައި އިންޑިޔާއިން މެދުވެރިވެ މަސައްކަތްކޮށްދިނުމަށް ދިވެހި ރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީއިން އެދެއެވެ

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް ސުލްޙަވެރި ޙައްލެއް ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދީ، ތާޢީދު ދިނުމަށް އެދި ދިވެހި ރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން އިންޑިޔާގެ ކިބައިން އަނެއްކާވެސް އެދެފިއެވެ. އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސަލްމާން ޚުރުޝީދަށް ޕާޓިގެ ޗެއަރޕަރސަން މޫސާ މަނިކު ސޮއިކުރައްވާ ފޮނުއްވި ސިޓީއެއްގައި މިކަމަށް އެދިވަޑައިގެން، މިމަގުން އިންޑީޔާއިން ކޮށްދީފައިވާ މަސައްކަތްތަކަށާއި، ފޯރު ކޮށްދެއްވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައިވެއެވެ.

މިއާއެކު ރައީސް މުޙައްމަދު ނަޝީދު ހައްޔަރުކޮށްގެން ބުދަ ދުވަހު ކޯޓަށް ޙާޒިރުކުރުމަށް ނެރެފައިވާ ކޯޓު ޢަމުރުގެ މައްޗަށްވެސް އެމްޑީޕީއިންވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ. އެގޮތުން މޫސާ މަނިކު ފޮނުއްވި ސިޓީގައި ލިޔުއްވާފައިވަނީ ރައީސް ނަޝީދު ހައްޔަރުކުރުމަށް ދެވަނަ ފަހަރަށް ކޯޓުން ޢަމުރުކުރުމާއި ވިދިގެން ފުލުހުންގެ އަތްދަށުގައި އެމަނިކުފާނުގެ ސަލާމަތްތެރިކަމަށް ކުރިމަތިވެދާނެ ނުރައްކަލަކާމެދު ނުހަނު ކަންބޮޑުވާކަމަށާއި، ވޭތިވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ފުލުހުންގެ ފަރާތުން އެމަނިކުފާނަށް އެކިބާވަތުގެ އަނިޔާއާއި، ގޯނާ ކުރިމަތިވެފައިވާކަމަށެވެ.

އިންޑިޔާގެ ސަރުކާރުގެ ފަރާތުން ރައީސް ނަޝީދާމެދު ބަހައްޓަވާ ގާތްކަމާއި، އެމަނިކުފާނަށް ބަހައްޓަވާ މެހެމާންދާރީގެ ފުރިހަމަކަމުގެ މައްޗަށްވެސް އެމްޑީޕީގެ ޗެއަރޕަރސަންވަނީ ސިޓީގައި ޝުކުރު އަދާކުރައްވާފައެވެ.