ބަންދުގައި ބަހައްޓައިގެން ރައީސް ނަޝީދު ޝަރީޢަތަށް ހާޒިރުކުރުމަށް އަނެއްކާވެސް އަމުރު ނެރެފި!

raeescourt

ރައީސް ނަޝީދުގެ މައްޗަށް ހުޅުމަލޭ ކޯޓުގައި ދައުލަތުންކޮށްފައިވާ ޣައިރު ޤާނޫނީ ދަޢުވާގެ އަޑުއެހުމަކަށް ރައީސް ނަޝީދު ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަށް އެކޯޓުން އަނެއްކާވެސް އަމުރު ނެރެފިއެވެ.

ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުން ޓީމުގައި ހިމެނިވަޑައިގަންނަވާ، ހިސާން ހުސައިން ވިދާޅުވީ، ރައީސް ނަޝީދު ބަންދުގައި ބަހައްޓައިގެން މި ހަފްތާގެ ބުދަ ދުވަހު ބާއްވާ އަޑުއެހުމަކަށް އެމަނިކުފާނު ހާޒިރުކޮށް ދިނުމަށް އެދި ފުލުހުންގެ މައްޗަށް ހުޅުމާލޭ ކޯޓުން އަމުރެއް ނެރެފައިވާކަން ނުރަސްމީކޮށް އެނގިފައިވާކަމަށެވެ. އަދި ހުޅުމާލެ ކޯޓުން ނެރުނެ މިއަމުރު ނެރުނު ވަގުތުން ފެށިގެން މި ހަފްތާގެ ބުދަ ދުވަހުގެ ކޯޓަށް ހާޒިރުކުރާ ގަނޑިއާ ދެމެދު މި ހިނގާ ކޮންމެ ވަގުތެއްގައިވެސް ފުލުހުން އެމަނިކުފާނު ހައްޔަރުކުރާނެ ކަމުގެ ބިރު އެބައޮތްކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

މީގެ ކުރިންވެސް ހުޅުމާލޭ ކޯޓުންވަނީ ރައީސް ނަޝީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަމުރެއް ނެރެފައެވެ. އެހެން ނަމަވެސް އެމަނިކުފާނު އިންޑިޔަން ހައި ކޮމިޝަންގެ ހިމާޔަތް ހޯއްދެވުމުން އެ ދުވަހު ރައީސް ނަޝީދު ވަނީ ކޯޓަށް ހާޒިރު ނުކުރެވިފައެވެ.