އެމްޑީޕީގެ މެމްބަރޝިޕް އިތުރު ކުރުމަށް ކުރާ މަސައްކަތުގެ ތަރުޙީބް ވަރަށް ބޮޑު

BVD - Ha.Hoarafushi (79)

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރޝިޕް އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތަރުޙީބް ވަރަށް ބޮޑުކަމަށް ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަޙްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް ވިދާޅުވީ، މެމްބަރޝިޕް އިތުރުކުރުމަށް ޤައުމީ މަޖްލީހުން ފާސްކުރި ޤަރާރާއި ގުޅިގެން އިއްޔެ އެކަނިވެސް 221 މެމްބަރޝިޕް ފޯމު ޕާޓީގެ އޮފީހަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން އިއްޔެ ޕާޓީ އޮފީހަށް ލިބިފައިވަނީ ދ. ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުލް ރަހްމާން ހުށަހެޅި 120 ފޯމާއި، އެއަތޮޅު މީދޫ ދާއިރާގެ ރައީސް މުޙައްމަދު ޖައިޝް އިބްރާހިމް (ޖޭމޭ) ހުށަހެޅި 39 ފޯމާއި، ހއ. އިހަވަންދޫ، އަޙްމަދު ރަޝީދު ހުށަހެޅި 62 މެމްބަރޝިޕް ފޯމެވެ.

މީގެއުތުރުން ހުސްވި ހަފްތާގައި ޕާޓީގެ އޮފީހަށް ވަނީ 199 ފޯމު ލިބިފައެވެ. އެއީ ހުޅުހެންވޭރު ދާއިރާގެ 98 ފޯމާއި، ހދ. ވައިކަރަދޫ މުޙައްމަދު ނާޒިމްގެ ފަރާތުން ލިބުނު 12 ފޯމާއި، ޅ. ކުރެންދޫ މުޙައްމަދު އާރިފް ހުށަހެޅި 38 ފޯމްގެ އިތުރުން ނ. ވެލިދޫ އިބްރާހިމް ފާއިޒް ހުށަހެޅި 51 މެމްބަރޝިޕް ފޯމެވެ.

އެމްޑީޕީގެ މެމްބަރޝިޕް އިތުރުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ފަށާފައި މިވަނީ، މަޑަވެލި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ޤައުމީ މަޖިލީހަށް ހުށަހެޅުއްވި ޤަރާރް ފާސްވުމާއި ގުޅިގެންނެވެ.

ޤައުމީ މަޖިލީހަށް ނާޒިމް ހުށަހެޅުއްވި ޤަރާރުގައި ވަނީ، ޕާޓީގެ 77 ދާއިރާއިން ކޮންމެ ދާއިރާއަކުން 50 ފޯރމާއި ( 3850) ޕާލިމެންޓްރީ ގްރޫޕްގެ ކޮންމެ މެމްބަރަކު 50 ފޯރމް (1500) ލިބޭނެ ގޮތަކަށް ޕާޓީގެ މައި އޮފީހުން އެދާއިރާގެ ކަމާއި ގުޅުންހުރި ބޭފުޅުންނާއި ގުޅައިގެން 3 މަސް ދުވަހުގެ ތެރޭގައި 5850 ފޯރމް ހުށަހެޅޭ ވަރަށް މަސައްކަތް ފެއްޓުމަށް ގޮވާލާކަމަށެވެ.