ނަންބަރު:MDP-2013-PR-20
ތާރީޚް: 17 ފެބުރުއަރީ 2013 (އާދީއްތަ)
އިންޑިއާގެ ހައިކޮމިޝަނަރަކީ އަންޕްރޮފެޝަނަލް ބޭފުޅެއްކަމަށާއި އިންސާފަށް ލޯބި ނުކުރައްވާ ބޭފުޅެއްކަމަށް އަދާލަތު ޕާޓީއިން ބުނެފައިވާތީ އެކަން އެމް.ޑީ.ޕީއިން ކުށްވެރިކުރުން
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒްއެކްސަލަންސީ ޑީ.އެމް. މުލޭއަށް އަދާލަތު ޕާރޓީން ނޭދެވޭ ބަސްތައް ރައްދުކޮށްފައިވާތީ އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.
އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އިންޑިޔާގެ ހައިކޮމިޝަންގެ ޙިމާޔަތް ހޯއްދެވުމުން އެ ކޮމިޝަނަކީ އެމްޑީޕީގެ ޖަގަހައެއްގެ ގޮތުގައި ސިފަކޮށް، އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒްއެކްސަލަންސީ ޑީ.އެމް. މުލޭއަކީ “އަންޕްރޮފެޝަނަލް” ބޭފުޅެއްކަމާއި “އިންސާފަށް ލޯބި ނުކުރައްވާ” ބޭފުޅެއްކަމަށް ބުނެ އެމޭރުމުން ޢަދާލަތު ޕާޓީން ނޫސްކޮންފަރެންސް އެއްގައި ބުނެފައިވެއެވެ. އެމޭރުމުން އަދާލަތު ޕާރޓީން ވާހަކަ ދެއްކުމަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ހީނަރުވެފައިވާ ގުޅުން އިތުރަށް ގޯސްވެދާނޭ ކަމެއްކަމުގައި މި ޕާރޓީން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. ރާއްޖެއާއި އިންޑިއާ އާދެމެދު އޮތް ގުޅުން ގޯސްވުމުގެ މައްސަލަ، ރައީސް ނަޝީދު އިންޑިއާގެ ހައިކޮމިޝަނުގައި ހުންނަވާ ހުންނެވުމާ އަދާލަތު ޕާރޓީން ގުޅުވާފައިވާއިރު، އެގުޅުން މީގެ ކުރިން ވެސް ގޯސްވެފައިވަނީ ޖީ.އެމް.އާރ ގެ މައްސަލައާއި ދިވެހިންގެ ހިތްތަކުގައި އިނޑިއާ އާމެދު ނަފްރަތު އުފެއްދެވުމަށް 23 ޑިސެމްބަރ ގެ އިއްތިޙާދުން ކުރަމުން ގެންދިޔަ ނޭދެވޭ މަސައްކަތުގެ ސަބަބުންކަން ރަނގަޅަށް ސާބިތުވެއެއެވެ.
ރައީސް ނަޝީދު އިންޑިއާގެ ހައިކޮމިޝަނުގެ ހިމާޔަތަށް އެދިވަޑައިގަނެފައިވަނީ އެމަނިކުފާނުގެ މައްޗަށް ޤާނޫނުތަކާއި ޚިލާފަށް، ސިޔާސީ މަގުސަދެއްގައި ދަޢުވާ އުފުލާފައިވާތީއާއި، އެމަނިކުފާނުގެ ޝަރީޢަތް ކަނޑައެޅިގެން ޣައިރު ޤާނޫނީ ކޯޓެއްގައި ހިންގަން ފަށައި، އިންސާފުން އެއްކިބާވެފައިވާތީއާއި، އެމަނިކުފާނުގެ ހަށިކޮޅާއި ފުރާނަފުޅަށް ސަލާމަތާއި ރައްކާތެރިކަން ނެތްކަން ޔަޤީންވީހިނދުއެވެ.
—
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް