ނޫސްބަޔާން: އެސްއޯ ފުލުހުންގެ ތެރޭގައި ހިމެނޭ ބަޔަކުގެ ސަބަބުން ފުލުހުންގެ މުއައްސަސާގެ ނަން ކިލަނބުވާތީ އެކާމާއި ކަންބޮޑުވުން ފާޅުކުރުން

noosbayan

ނަންބަރު:MDP-2013-PR-19
ތާރީޚް: 17 ފެބުރުއަރީ 2013 (އާދީއްތަ)

އެސްއޯ ފުލުހުންގެ ތެރޭގައި ހިމެނޭ ބަޔަކުގެ ސަބަބުން ފުލުހުންގެ މުއައްސަސާގެ ނަން ކިލަނބުވާތީ އެކާމާއި ކަންބޮޑުވުން ފާޅުކުރުން

ފުލުހުންގެ ޤާނޫނުގައި ވާގޮތުން ފުލުހުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤާނޫން އަސާސީ ރައްކާތެރިކޮށް، ޙިމާޔަތްކުރުމާއި، ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތައި، އެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ލާޒިމްކޮށްފައިވާއިރު، ޤާނޫން އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤާއި، ޚިޔާލްފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުގެ ބޭނުންހިފާ، ޢާއްމު އެތައްހާސް ރައްޔިތުންނަކާއި ދެކޮޅަށް ފުލުހުންގެ މުއައްސަސާތެރޭގައި ހިމެނޭ ބަޔަކު ކުރާ ލާއިންސާނީ، ދަށުދަރަޖައިގެ، ހަޑިމުޑުދާރު ޢަމަލުތަކުގެ ސަބަބުން ފުލުހުންގެ މުޅި މުއައްސަސާގެ ނަން ޙަރާބުވެ ކިލަނބުވާތީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ކަންބޮޑުވުން ފާޅުކުރަމެވެ.

ފުލުހުންގެ މުއައްސަސާގެ ސްޕެޝަލް އޮޕަރޭޝަންސް)އެސް އޯ) ފުލުހުންގެ ތެރޭގައި ހިމެނޭ ބަޔެއްގެ އަމަލުތައް ހުންނަ ގޮތުން މުޅި މި މުއައްސަސާގެ އެންމެނަށް މިކަމުގެ ހަޑިނަން ނިސްބަތްވެ، ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓި، ފުލުހުންނަށާއި ފުލުހުންގެ ޔުނީފޯރމަށް ރައްޔިތުން ކުރަމުން ގެންދިޔަ އިޚްތިރާމް ދަނީ އެއްދުވަހުން އަނެއް ދުވަހަށް ކުޑަވަމުންނެވެ. އެސްއޯ ފުލުހުން ތެރެއިން ބަޔަކު “ޖަޒްބާތުގައި” ޖެހިގެން، ޢާންމު ރައްޔިތުންނަށް ކުރާ އިންސާނިއްޔަތާއި ޚިލާފް، އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން ފުލުހުންގެ މީހަކު ފެންނަ ކޮންމެ ފަހަރަކު އެމީހަކަށް މަލާމާތްކޮށް ފުރައްސާރަ ކުރާ ހިސާބަށް ކަންކަން ވަނީ ގޮސްފައެވެ.

ފުލުހުންގެ ތެރެއިން ބަޣާވާތުގައި ބައިވެރިވި ފަރާތްތައް 7 އަދި 8 ފެބްރުއަރީ 2012 ގައި ހިންގި އަނިޔާވެރި ޢަމަލުތައް ރައްޔިތުންގެ ހިތްތަކުން ފިލާ ނުދަނީސް، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދުގެ ޝަރީޢަތް އިންސާފުން އެއްކިބާވެފައިވާތީ، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދަޢުވާ އަނބުރާ ގެންދިއުމަށް ގޮވާލައި، އެމަނިކުފާނުގެ ޙިމާޔަތަށް އެދި މަސައްކަތްކުރާ ފަރާތްތަކާއި ދެކޮޅަށް އެސްއޯ ފުލުހުންގެ ބަޔަކު ވަނީ، މިމަހުގެ 15ވަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ސުލްޙަވެރި ހިނގާލުމުގައި ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާވެރި، އިންސާނިއްޔަތާއި ޚިލާފް ޢަމަލުތައް ދިވެހި ފަސްގަނޑުގައި އަނެއްކާވެސް ތަކުރާރުކުރަން ފަށާފައެވެ.

އެމްޑީޕީއަކީ އަބަދުވެސް ސުލްޙަވެރިކަމަށް ގޮވާލާ އަދި ސުލްޙަވެރިކަމާއި، އަމަންއަމާންކަމަށް ލޯބިކުރާ ޕާޓީއެކެވެ. އެގޮތުން އެމްޑީޕީން އިންތިޒާމްކޮށްގެން ރައީސް ނަޝީދުގެ ހިމާޔަތަށް އެދި މިހާރު ކުރިއަށް ގެންދާ މުޒާހަރާތަކަކީ ވެސް ސުލްޙަވެރި އަދި އަމާންކަމާއި އެކީ ކުރަމުންގެންދާ މުޒާހަރާތަކެކެވެ. ނަމަވެސް އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާތައް ރޫޅާލުމަށް ބަހަނާއެއް ދެއްކުމުގެ ގޮތުން، އެސްއޯ ފުލުހުންގެ ބަޔަކު އަޑީގައި ތިބެގެން ދަނީ އެކިއެކި ހަރާކާތްތައް ރާވަމުންނެވެ. އެގޮތުން އެމްޑީޕީގެ ސުލްޙަވެރި ހިނގާލުންތަކާއި، އެއްވުންތަކުގެ ތެރެއަށް އެކިއެކި ފަރާތްތައް ފޮނުވާ، ހަމަނުޖެހުން ހިންގަން އުޅޭކަން މި ޕާޓީން ހިތާމައާއެކު ފާހަގަކުރަމެވެ.

ބަޣާވާތުގައި ބައިވެރިވެ، ފުލުހުންގެ ޤަދަރުވެރި މުއައްސަސާގެ އަގުވައްޓާލާފައިވަނީ، މަދު ބައެއްކަން އެމްޑީޕީން ފާހަގަކޮށް، ބަޣާވާތުގެ ސަރުކާރުން ކުރަމުންދާ ޣައިރު ޤާނޫނީ އަމުރުތަކަށް ކިޔަމަން ނުވާ ގިނަ އަދަދެއްގެ ޤައުމީ ފުލުހުން މި ޤައުމުގައި ތިބިކަން މި ޕާޓީން އުފަލާއިއެކު ފާހަގަކުރަމެވެ. އަދި ހަމަ އެހެންމެ ޤައުމީ ފުލުހުން ދައްކަމުންދާ ހިތްވަރަށް އައްސަރި ބަހާއި ސާބަސް ރައްދުކޮށް، ޤައުމީ ފުލުހުންގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް އެމްޑީޕީން ކުޑަނަމަވެސް ދެރައެއް ނުދޭނޭކަމުގެ ޔަޤީންކަން އަރުވަމެވެ.


ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް