ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ) ރިޔާސީ ކެނޑިޑޭޓް އަދި ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ހިމާޔަތަށް އެދި ގޮވާލާ އެމަނިކުފާނަށް ތާޢީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ސުލްޙަވެރިކަމާއި އެކު ކުރަންމުދާ އިހްތިޖާޖާތަކުގައި، އާންމު ރައްޔިތުންނަށް ފުލުހުން ރޭގައި (15 ފެބުރުއަރީ 2013) އަނިޔާކޮށް ހައްޔަރުކުރި 49 މީހުން މިރޭ (16 ފެބުރުއަރީ 2012) ޖިނާޢީ ކޯޓުން ދޫކޮށްލައިފެއެވެ. އަދި މީގެ އިތުރުން އިތުރު 8 މީހެއްގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.
މިގޮތުން ރައީސް ނަޝީދުގެ ހިމާޔަތަށް އެދި ގޮވާލާ ކުރިޔަށް ގެންދާ ސިލްސިލާ ހިނގާލުމުގެ ތެރެއިން ރޭ ބޭއްވި ޤައުމީ ސުލްޙަވެރި ހިނގާލުމުގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިރޭ ދޫކޮށްލި މީހުންގެ ތެރޭގައި ރައިސް ނަޝީދުގެ ސަރުކާރުގެ ހޯމް މިނިސްޓަރ ޙަސަން އަފީފުއާ، ޑިފެންސް މިނިސްޓަރކަން ކުރެއްވި އަމީން ފައިސަލް އަދި ބަޣާވާތައް ފަހު އެ ބަޣާވާތް ތަޙްގީގު ކުރަން ސަރުކާރުން އުފެއްދި ކޮމިޝަންގަ ހިމަނިވަޑައިގެންނެވި ރައީސް ނަޝީދުގެ މަންދޫބު އަޙްމަދު ސައީދު (ގަހާ ސައީދު) ހިމެނިވަޑައިގަންނަވައެވެ.
ރައީސް ނަޝީދު އިންޑިއަން ހައިކޮމިޝަންގެ ހިމާޔަތަށް ވަޑައިގަންފަހުން މިވީ ހަތަރު ދުވަހުގެ ތެރޭގައި ކުރެވުނެ ސުލްހަވެރި އިޙްތިޖާޖު ތަކުގައި 90 އަށް ވުރެ ގިނަ މީހުން ވަނީ އަނިޔާވެރިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮއްސައެވެ. އެމްޑީޕީގެ ޤާނޫނީ ވަކީލުންގެ ޓީމުން މަޢުލޫމާތުދެއްވި ގޮތުގައި އެމްޑީޕީން ކުރަމުންދާ ސުލްޙަވެރި އިޙްތިޖާޖްތަކުގައި ރޭ ގެ ހިނގާލުމުގައި އެކަނިވެސް ހައްޔުރުކޮށްފައިވާ މީހުންގެ ޢަދަދު ވަނީ 58ށް އަރާފައެވެ. އަދި މީގެ ތެރެއިން 49 މީހުން ވަނީ މިރޭގެ ވަގުތެއްގައި ކޯޓުން ދޫކޮށްލާފައެވެ. އަދި މިރޭ ދޫކޮށް ނުލާ އިތުރު 8 މީހުންގެ ތެރެއިން 7 މީހުންނަށް ވަނީ 5 ދުވަހުގެ މުއްދަތު އިތުރުކޮށް އެކެއްގެ ބަންދުގެ މުއްދަތު 10 ދުވަސް އިތުރުކޮށްފައެވެ.
ދިވެހި އެތަށް ހާސް ބަޔަކު ނިކުމެ ވަކި ކަމަކަށް އެދި މިކުރާ އިޙްތިޖާޖް ތަކަކީ ޤާނޫން އަސާސީގެ 27ވަނަ މާއްދާއާ 32ވަނަ މާއްދާގެ ދަށުން ކޮންމެ ދިވެހިރައްޔިތަކަށް ވެސް ކަށަވަރުކޮށްދީފައިވާ ހައްޤުކަމުން އެ ޙައްގުގެ ބޭނުންހިފާ ކުރާ އިޙްތިޖާޖްތަކެވެ. އެހެންކަމުން މިޙައްޤު ނިގުޅައި ގަތުމަށް މަސައްކަތް ނުކުރުމަށް ފުލުހުންނަށް ގޮވާލަމެވެ. އަދި މިޙައްޤުގެ ދިފާއުގައި މި ޕާރޓީން ކުރަމުންގެންދާ މަސައްކަތް ނުހުއްޓޭނެކަމުގައި ވެސް ދަންނަވަމެވެ.
މިރޭވެސް އެމް.ޑީ.ޕީއިން ކުރާ މި އިޙްތިޖާޖްތައް ދަނީ ކުރިޔަށެވެ. އަދި މިރޭގެ މި ސުލްހަވެރި ހަރަކާތް ރާވާ ކުރިޔަށް ގަންދަނީ މި ޕާޓީގެ އަންހެނުންގެ ރޫޙްގެ ފަރާތުންނެވެ. އަދި ހަމަ މިގޮތުން މިރޭ މުޅިރާއްޖޭގެ އެކި ކަންކޮޅުގައިވެސް މި އިޙްތިޖާޖްތައް ދަނީ ކުރިޔަށެވެ. އަދި މިގޮތުން ކުރާ އިޙްތިޖާޖްތަކުގެ ތެރެއިން ރ. އަލިފުށީގެ 7 މީހުންވަނީ އަނިޔާވެރިކޮށް ހައްޔަރުކޮށްފައެވެ.
އެތަށް ހާސް ރައްޔިތުންނެއް މިނިވަންކަމަށް އެދި ގޮވާލާ ނިކުމެ މި ކުރާ އިޙްތިޖާޖް ތަކުގައި ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށް ޤާނޫނީ އިމުގެތެރެައިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެކަމުގައި އެމްޑީ.ޕީގެ ޤާނޫނީ ވަކީލުންވެސް ވަނީ ހާމަ ކުރައްވާފައެވެ.