ފުލުހުން ޤާނޫނު އަސާސީ އާ ޙިލާފަށް ހައްޔަރު ކުރާ ފަރާތްތައް މިނިވަން ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް .އެމް.ޑީ.ޕީގެ ޤާނޫނީ ވަކީލުންގެ ޓީމުން ކުރައްވާނެ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީއިން ރާވައިގެން ކުރިޔަށް ގެންދާ ސުލްހަވެރި އިހްތިޖާޖާތަކުގައި، އާންމު ރައްޔިތުންނަށް ފުލުހުން އަނިޔާކޮށް ހައްޔަރުކުރާ ކުރުމުގައި ހައްޔަރުވާ އެންމެން މިިނިވަން ނުވަނީސް މަސައްކަތް ހުއްޓާނުލާނެ ކަމުގައި އެމް.ޑީ.ޕީގެ ޤާނޫނީ ވަކީލުންގެ ޓީމުން މިއަދު ހާމަކުރައްވައިފިއެވެ.

މިގޮތުން ރައީސް ނަޝީދުގެ ހިމާޔަތަށް އެދި ގޮވާލާ ކުރިޔަށް ގެންދާ ސިލްސިލާ ހިނގާލުމުގެ ތެރެއިން ރޭ ބޭއްވި ޤައުމީ ސުލްޙަވެރި ހިނގާލުމުގައި މިޕާޓީއަށް ނިސްބަތްވާ ވަރަށް ގިނަ ބަޔަކު ފުލުހުން ވަނީ އަނިޔާވެރިކަމާއި، ގަދަބާރު ބޭނުންކޮށްގެން ހައްޔަރުކޮށްފައެވެ. ފުލުހުން އަނިޔާވެރިވެ ހައްޔަރުކުރި މީހުންގެ ތެރޭގައި ރައިސް ނަޝީދުގެ ސަރުކާރުގެ ހޯމް މިނިސްޓަރ ޙަސަން އަފީފުއާ، ޑިފެންސް މިނިސްޓަރކަން ކުރެއްވި އަމީން ފައިސަލް އަދި ބަޣާވާތައް ފަހު އެ ބަޣާވާތް ތަޙްގީގު ކުރަން ސަރުކާރުން އުފެއްދި ކޮމިޝަންގަ ހިމަނިވަޑައިގެންނެވި ރައީސް ނަޝީދުގެ މަންދޫބު އަޙްމަދު ސައީދު )ގަހާ ސައީދު( ހިމެނިވަޑައިގަންނަވައެވެ.

ރައީސް ނަޝީދަށް ތާޢީދުކުރާ އަދި އެމަނިކުފާނަށް ހިމާޔަތް ލިބުމަށް އެދި ގޮވާލާ އެމްޑީޕީގެ މެމްބަރުންނާއި މިކަމަށް ތާއީދު ކުރާ އެތައް ބަޔަކާ ދެކޮޅަށް ފުލުހުން އިންސާނިއްޔަތާއި ޚިލާފް އަނިޔާވެރި ޢަމަލުތައް ހިންގާ ރޭގެ މި ހިނގާލުމުގައި ބައިވެރިންނަށް ވަރަށް ބޮޑަށް އަނިޔާ ދީ އެތައް ބަޔަކު ހައްޔަރު ކުރިކަން މި ބޭފުޅުން ހިތާމައާއެކު ފާޅުކުރެއްވިއެވެ.

އެމްޑީޕީގެ ޤާނޫނީ ވަކީލުންގެ ޓީމުން މަޢުލޫމާތުދެއްވި ގޮތުގައި އެމްޑީޕީން ކުރަމުންދާ ސުލްޙަވެރި އިޙްތިޖާޖްތަކުގައި ރޭ ގެ ހިނގާލުމުގައި އެކަނިވެސް ހައްޔުރުކޮށްފައިވާ މީހުންގެ ޢަދަދު ވަނީ 58ށް އަރާފައެވެ. މީގެ އިތުރުން ރައީސް ނަޝީދު އިންޑިއަން ހައިކޮމިޝަންގެ ހިމާޔަތަށް ވަޑައިގަންފަހުން ކުރެވުނެ ސުލްހަވެރި އިޙްތިޖާޖު ތަކުގައި 90 އަށް ވުރެ ގިނަ މީހުން ވަނީ އަނިޔާވެރިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮއްސައެވެ. އަދި މީގެތެރެއިން މިހާރުވެސް 70 އާ ގާތްކުރާ އަދަދަށް މީހުން ފުލުހުންގެ ހައްޔަރު އެބަތިއްބެވެ. އަދި މީގެ ތެރެއިން ރޭގަ ހައްޔަރު ކުރި 58 މީހުން މިރޭ 7 ޖަހާއިރު ކޯޓަށް ހާޒިރު ކުރާނެއެވެ. ވީމާ ވަކީލުންގެ ޓީމުން ކޯޓަށް ހާޒިރުވެ މި ގައިދީންގެ ދިފާއުގާ ވަކާލާތު ކުރައްވާނެކަމުގައިވެސް މިބޭފުޅުން ވިދާޅުވިއެވެ.

ޤާނޫން އަސާސީން ލިބިދޭ ހައްޤުތަކުގެ ދަށުން އެމްޑީޕީން ކުރިއަށް ގެންދާ ހިނގާލުންތައް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމަކީ ޤާނޫން އަސާސީގެ 27ވަނަ މާއްދާއާ 32ވަނަ މާއްދާގެ ދަށުން ކޮންމެ ދިވެހިރައްޔިތަކަށް ވެސް ކަށަވަރުކޮށްދީފައިވާ ހައްޤެކެވެ. އަދި ރައްޔިތުންނަށް އަނިޔާވެރިވެ، ހައްޔަރުކޮށް ބިރު ދައްކައިގެން، ޤާނޫން އަސާސީން ލިބިދީފައިވާ މި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްޤު ރައްޔިތުންގެ ކިބައިން ނިގުޅައިއެއް ނުގަނެވޭނެކަމުގައިވެސް ވަކީލުން ވިދާޅުވިއެވެ. އަދި އެއްވެސް މީހަކު ޤާނޫނޫ އަސާސީއާ ޙިލާފަށް ހައްޔަރު ނުކުރެވޭނެ ކަމުގައިވެސް މި ބޭފުޅުން ވިދާޅުވިއެވެ.

އެމްޑީޕީން ކުރަމުންދާ ސުލްހަވެރި އިޙްތިޖާޖްތަކުގެ ތެރެއިން ފުލުހުން، ގާނޫނާއި ގަވައިދާ ޚިލާފަށް ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށް ޤާނޫނީ އިމުގެތެރެައިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެކަމުގައި އެމްޑީ.ޕީގެ ޤާނޫނީ ވަކީލުން ހާމަ ކުރެއްވިއެވެ.