ނޫސްބަޔާން: ރައީސް ނަޝީދަށް ދައުލަތުން ކުރާ ޤާނޫނާ ޚިލާފު ދަޢުވާ އަނބުރާ ގެންދިއުމަށް އެދި ސުލްހަވެރި އިޙްތިޖާޖް ކުރަމުން ދިޔަ އެތަށް ބަޔަކު ހައްޔަރުކުރުން ކުށްވެރިކޮށް ނެރޭ ނޫސްބަޔާން

noosbayan

ނަންބަރު:MDP-2013-PR-16
ތާރީޚް: 15 ފެބުރުއަރީ 2013 (ހުކުރު)

ރައީސް ނަޝީދަށް ދައުލަތުން ކުރާ ޤާނޫނާ ޚިލާފު ދަޢުވާ އަނބުރާ ގެންދިއުމަށް އެދި ސުލްހަވެރި އިޙްތިޖާޖް ކުރަމުން ދިޔަ އެތަށް ބަޔަކު ހައްޔަރުކުރުން ކުށްވެރިކޮށް ނެރޭ ނޫސްބަޔާން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކުރާ ބޭއިންސާފު ދަޢުވާ އަނބުރާ ގެންދިމަށް ގޮވާލާ އަދި އެމަނިކުފާނުގެ ރައްކާތެރިކަމަށް އެދި ސުލްހަވެރިކަމާއެކު އިހްތިޖާޖް ކުރަމުންދިޔަ މީހުންނަށް ފުލުހުން ހަމަލާދީ އަނިޔާވެރިކޮށް އެތައް ބަޔަކު ވަނީ މިރޭ ހައްޔަރު ކޮށްފައެވެ. މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ، ޤާނޫން އަސާސީން އެފަރާތްތަކަށް ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްޤު ބޭނުން ކުރަމުން ދަނިކޮށެވެ. އަދި މިފަދަގޮތަކަށް ޤާނޫން އަސާސީއާ ޤާނޫންތަކާއި ޚިލާފަށް ހައްޔަރު ކުރަމުންދާ ދިއުން މިޕާޓީން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ

މިރޭ (15 ފެބްރުއަރީ 2013 ވަނަ ދުވަހުގެ ރޭ) އެމް.ޑީ.ޕީގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި މި ސުލްޙަވެރި ޤައުމީ ހިނގާލުމުގައި ސުލްހަވެރިކަމާއެކު ތިބި މި ޕާރޓީއަށް ނިސްބަތްވާ އަދި މި ޕާރޓީއަށް ތާޢީދުކުރާ އެތައް ބަޔަކު ފުލުހުން ހައްޔަރުކޮށްފައިވެއެވެ. މިގޮތުން ފުލުހުން ހައްޔަރު ކުރި ފަރާތްތަކުގެ ތެރޭގައި ރައިސް ނަޝިދުގެ ސަރުކާރުގެ ހޯމް މިނިސްޓަރ ޙަސަން އަފީފު އަދި އަޙްމަދު ސައީދު (ގަހާ ސައީދު) ހިމެނިވަޑައިގަންނަވައެވެ. އެދެބޭފުޅުންގެ އިތުރުން ހައްޔަރު ކުރި އެހެން ހުރިހާ ފަރާތްތަކެއް ވެސް މިރޭ ހައްޔަރުކޮށްފައިވަނީ އެފަރާތްތަކުން ޤާނޫނާ ޚިލާފު އެއްވެސް އަމަލެއް ހިންގާފައިނުވަނީސް، ޣައިރު ޤާނޫނީ ހައްޔަރަކުންނެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމަކީ ޤާނޫން އަސާސީގެ 27ވަނަ މާއްދާއާ 32ވަނަ މާއްދާގެ ދަށުން ކޮންމެ ދިވެހިރައްޔިތަކަށް ވެސް ކަށަވަރުކޮށްދީފައިވާ ހައްޤެކެވެ. އެހެންކަމުން މިޙައްޤު ނިގުޅައި ގަތުމަށް މަސައްކަތް ނުކުރުމަށް ފުލުހުންނަށް ގޮވާލަމެވެ. އަދި މިޙައްޤުގެ ދިފާއުގައި މި ޕާރޓީން ކުރަމުންގެންދާ މަސައްކަތް ނުހުއްޓޭނެކަމުގައި ވެސް ދަންނަވަމެވެ.

އެމްޑީޕީން ގޮވާލަނީ ފުލުހުން މިގޮތަށް ދައްކަމުންދާ ބިރަށް، އެއްވެސް ދިވެހި ރައްޔިތަކު ފަހަތަށް ނުޖެހުމަށެވެ. އަދި ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން ކުރާ ނާއިންސާފު ދަޢުވާ އަނބުރާ ގެންދިއުމަށް ގޮވާލާ އެމަނިކުފާނުގެ ރައްކާތެރިކަމަށް ވީހާވެސް ގިނަ ބަޔަކު މާލެއައިސް، އެމްޑީޕީގެ ސީދާ ހަރަކާތުގައި ބައިވެރިވުމަށް ވެސް މި ޕާޓީން ގޮވާލަމެވެ.

އެމްޑީޕީން ކުރަމުންދާ ސުލްހަވެރި އިޙްތިޖާޖްތަކުގެ ތެރެއިން ފުލުހުން ގާނޫނާއި ގަވައިދާ ޚިލާފަށް ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލުމަށާއި، ފުލުހުން ގާނޫނު އަސާސީއާއި ޚިލާފަށް ހިންގަމުން މިގެންދާ ލާއިންސާނީ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް މި ޕާޓީން ތަކުރާރުކޮށް ގޮވާލަމެވެ. އަދި ހައްޔަރުގައި ތިބި އެންމެހައި ޤައިދީން މިހިނދުން މިހިނދަށް މިނިވަންކުރުމަށް އެމްޑީޕީން ގޮވައިލަމެވެ.


ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް