ރައީސް ނަޝީދު ހައިކޮމިޝަނުން ބޭރަށް ނުކުމެ ވަޑައިގެން ބައެއް ފަރާތްތަކާ ސަލާމް ކުރައްވައިފި

ޝަރީޢަތް އިންސާފުން އެއްކިބާވެ، ގަދަ ބާރު ބޭނުންކޮށް، އެމަނިކުފާނު ހައްޔަރުގައި ބަހައްޓައިގެން ޝަރީޢަތް ހިންގުމަށް ހުޅުމާލޭ ކޯޓުން އަމުރު ނެރުމާއި ގުޅިގެން، ދިވެހިރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަންގެ ހިމާޔަތް ހޯއްދެވި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދު މިއަދު ހުކުރު ނަމާދަށް ފަހު ހައި ކޮމިޝަނުގެ ދޮރުމައްޗަށް ނުކުމެ ވަޑައިގެން ބައެއް ފަރާތްތަކާއި ސަލާމް ކުރައްވައިފިއެވެ.

އެމަނިކުފާނު ހައިކޮމިޝަން ދޮރު ކުރިމައްޗަށް ނުކުމެވަޑައިގެންނެވީ، އަނބިކަނބަލުން ލައިލާ އަލީ އާއި ދަރިކަނބަލުން އެމަނިކުފާނުގެ އަރިހަށް ވަޑައިގެންނެވުމަށް ފަހު އެނބުރި ވަޑައިގަންނަވާތީ ސަލާމްކުރެއްވުމަށެވެ. ރައީސް ނަޝީދު އެބޭފުޅުންނާއި ސަލާމްކުރެއްވުމަށް ދޮރު ކުރިމައްޗަށް ނުކުމެ ވަޑައިގެންނެވި ވަގުތު އެ ސަރަހައްދުގައި ތިބި ރައީސް ނަޝީދަށް ތާޢީދުކުރައްވާ ބައެއް ފަރާތްތަކުން ވަނީ އެމަނިކުފާނާއި ސަލާމްކުރައްވާ، ހާލު އަހުވާލު އައްސަވާފައެވެ.

ރީނދޫ ކުލައިގެ ޓީޝާޓެއް ތުރުކުރައްވައިގެން ރައީސް ނަޝީދު އިންޑިއަން ހައިކޮމިޝަންގެ ދޮރު ކުރިމައްޗަށް މިއަދު ނުކުމެވަޑައިގެންނެވި އިރު އެމަނިކުފާނުގެ ފަރާތުން އެއްވެސް ހާސްކަމެއް، ނުތަނަވަސްކަމެއް ފެންނާކައް ނެތެވެ. ސަލާމް ކުރައްވަން ވަޑައިގެންނެވި ހުރިހާ ފަރާތްތަކާ ވެސް އެމަކުފާނު ސަލާމް ކުރެއްވީ ހިނިތުންވުމާއި އުފަލާއި އެކުއެވެ.

ރައީސް ނަޝީދަށް އިންސާފްވެރި ޝަރީޢަތެއް ހޯދުމަށް ގޮވާލާ ފަރާތަކުން ރޭގަވެސް ވަނީ ސޯސަން މަގާއި، އަމީރު އަޙްމަދު މަގު ގުޅުނު ސަރަހައްދަށް އެއްވެ އިޚްތިޖާޖް ކޮށްފައެވެ. އަދި ރޭގެ އެއްވުމުގެ ތެރެއިން ވެސް ފުލުހުން ވަނީ ރައީސް ނަޝީދުއަށް ތާޢީދުކުރާ 10 ވަރަކަށް މީހުން ހައްޔަރުކޮށްފައެވެ. ރޭގަ ހައްޔަރު ކުރި 10 މީހުންނާއި އެކު މި އިޚްތިޖާޖްތަކުގައި ހައްޔަރުކުރި މީހުންގެ އަދަދު ވަނީ 27 އަރާފައެވެ. އަދި އޭގެ ތެރެއިން 15 މީހުން ދޫކޮށްލާފައިވާއިރު ބަންދުގައި އަދިވެސް 12 މީހުން އެބަތިއްބެއެވެ.