އެމްޑީޕީ ދެކުނު ޕްރޮވިންސްގެ ނޫސްބަޔާން: އެމްޑީޕީ ފުވައްމުލަކު މެދުދާއިރާގެ ރައީސް އަހްމަދު އިލްހާމް ޤާނޫނާ ޚިލާފަށް ހައްޔަރުކުރުން ކުށްވެރިކުރުން

noosbayan

ނަންބަރު: MDP-SP/2013/02
ތާރީޚް: 14 ފެބްރުއަރީ 2013

އެމްޑީޕީ ފުވައްމުލަކު މެދުދާއިރާގެ ރައީސް އަހްމަދު އިލްހާމް ޤާނޫނާ ޚިލާފަށް ހައްޔަރުކުރުން ކުށްވެރިކުރުން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދަށް އިންސާފްވެރި ޝަރީޢަތެއް ހޯދުމަށާއި، އެމަނިކުފާނުގެ ރައްކާތެރިކަމަށް ގޮވާލާ، އަމީރު އަހްމަދު މަގާއި، ސޯސަން މަގު ގުޅުނު ސަރަހައްދުގައި ސުލްހަވެރިކަމާއެކު އިހްތިޖާޖް ކުރަމުންދިޔަ ފަރާތްތަކާއިއެކު ހަރަކާތްތެރި ވަމުންދަނިކޮށް ޤާނޫން އަސާސީއާ ޤާނޫނު ތަކުގެ އިމުގެ ބޭރުން އެމްޑީޕީ ފުވައްމުލަކު މެދުދާއިރާގެ ރައީސް އަހްމަދު އިލްހާމް ހައްޔަރުކުރުން އެމްޑީޕީ ދެކުނު ޕްރޮވިންސްގެ އިދާރާ، ފުވައްމުލައް އިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި، ވަކިން ޚާއްޞަކޮށް ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުވެފައި އޮތުމަކީ ޅަފަތަތުގައި ދިވެހި ޑިމޮކްރަސީއަށް ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައި މި ޕްރޮވިންސްގެ ފަރާތުން ދެކެމެވެ. އެހެންކަމުން، ދިވެހި ޑިމޮކްރަސީ ޙިމާޔަތްކުރުމަށާ، މިނިވަން އިންސާފުވެރި ޝަރުޢީ ނިޒާމެއް ޤާއިމުކުރުމަށާ، އަނިޔާވެރިކަމާ ދެކޮޅަށް ފުވައްމުލަކުގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް މި ފުރުޞަތުގައި ގޮވާލަމެވެ.

އެމްޑީޕީން ކުރަމުންދާ ސުލްހަވެރި އިޙްތިޖާޖްތަކުގެ ތެރެއިން ފުލުހުން ގާނޫނާއި ގަވައިދާ ޚިލާފަށް ހައްޔަރުކޮށްފައިވާ އެމްޑީޕީ ފުވައްމުލަކު މެދުދާއިރާގެ ރައީސް އަހްމަދު އިލްހާމު މިހާރުން މިހާރަށް ދޫކޮށްލުމަށާއި، ފުލުހުން ގާނޫނު އަސާސީއާއި ޚިލާފަށް ހިންގަމުން މިގެންދާ ލާއިންސާނީ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް އެމްޑީޕީ ދެކުނު ޕްރޮވިންސް އިން ތަކުރާރުކޮށް ގޮވާލަމެވެ.


ބަޔާން ނެރުނީ: އެމްޑީޕީ ދެކުނު ޕްރޮވިންސް