ރާއްޖެ އިސްލާމް ވި ދުވަހުގެ ތަޙްނިޔާ

ތާރީޙް ހެކިދޭ ގޮތުން ރާއްޖެ އިސްލާމްވިތާ 886 އަހަރު ފުރޭ މި ތާރީޙީ ދުވަހުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ )އެމް.ޑީ.ޕީގެ( ފަރާތުން އާއްމުކޮށް އެންމެހާ ލޮބުވެތި ދިވެހީންނަށް ޙާއްސަ ކޮށް މި ޕާޓީގެ މެމްބަރުންނަށް ހެޔޮ ދުޢާ އާ ތަޙްނިޔާ އަރިސް ކުރަމެވެ.

ރާއްޖޭގެ ރައްޔިތުންނީ މާތް ވިެގެންވާ އިސްލާމް ދީން ޤަބޫލުކޮށް އިސްލާމް ދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތު ކޮށްގެން ތިބި ބައެއްކަން އުފަލާއެކު ފާހަގަކުރަމެވެ. އަޅުގަނޑުމެން ދިވެހީންނަށް އިސްލާމް ދީނުގެ ތެދުމަގު ދައްކަވާ އެދީނަށް އުޅުމުގެ މަގު ތަނަސްކޮށް ދެއްވި ކަމަށްޓަކައި މާތް ﷲ ކިބަފުޅައް ހާސް ހާސް ފަށުން ޝުކުރު ކުރަމެވެ.

ދިވެޙިންގެ ހިތްތަކުގައި މާތް ވެގެންވާ އިސްލާމް ދީނުގެ މަތިވެރި އަގީދާގެ ބިންވަޅު ނެގި މި ދީން ރާއްޖޭގެ ރައްޔިތުން ޤަބޫލުކުރިތާ އެތަށް ސަތޭކަ އަހަރުތަކެއްވެ ގޮސް ވާއިރު އިސްލާމް ދީނަށޭ ކިޔާ ބައެއް ފަރާތްތަކުން ސިޔާސީ މަގްސަދުގައި އިސްލީމްދީނުގެ ނަމުގައި ކުރަމުންދާ ނޭދެވޭ އަމަލުތައް ގިނަވާކަން މި ވަގުތު ފާހަގަ ކުރަން ޖެހެއެވެ. އަދި ހަމަ އެފަދައިން ބައެއްފަރާތްތަކުން ކުރާ މިފަދަ ނޭދެވޭ އަމަލުތައް ދީނުގެ ނަމުގައި ކުރިޔަށް ނެރެ ޤައުމު ފަސާދަކުރާކަން މިއީ އަޅުގަޑުމެން ހިތާމަކުރަން ޖެހޭ ކަންކަމެވެ. ޤައުމުގެ އަމަން އަމާންކަމާ ރައްޔިތުންގެ އެކުވެރިކަމާ އެއްބައިވަންތަކަން ކުރި އެރުވުމަށް އެންމެންމެ މަސައްކަތް ކުރުމަށް މި ފުރުސަތުގެ ބޭނުން ހިފުން މުހިންމެވެެ.

ރާއްޖެ އިސްލާމް ވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ރާއްޖޭގެ ރައްޔިތުން އިސްލާމް ދީން ޤަބޫލުކޮށް ރާއްޖޭގައި އިސްލާމް ދީން ފެތުރެމުން ދިޔައީ ދިވެހީން އެކަން ހިތުގެ އަޑިން ޤަބޫލްކޮށް އެކަމަށް އަމިއްލައަށް އެދި ތިބޭތީ ކަން އެއީ ޤަބޫލު ކުރަންޖެހޭ ކަމެކެވެ.

ރާއްޖެ އިސްލާމް ވި ދުވަހުގެ ތަހްނިޔާއާ ހެޔޮ އެދުން އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރިސް ކުރާ ހާލު ރާއްޖެއަށް ދިމާވެފައިމިވާ ކަޅުދުވަސްތަކުން ލޮބުވެތި ދިވެހީންނާ މި ރާއްޖެ ސަލާމަތް ކުރުމަށް އެދި މާތް ﷲ ގެ ހަޛްރަތުގައި ދުޢާ ދަންނަވަމެވެ.