އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން 30 ދުވަހުގެ މުއްދަތަށް މެންބަރޝިޕްއިތުރުކުރުމުގެ ޕްރޮގްރާމްއެއް ފައްޓަނީ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީގެ) ޤައުމީ މަޖްލީހުން ފާސްކުރި ޤަރާރާ ގުޅިގެން ފަސްދޮޅަސް ހާސް (60،000) މެންބަރުން ޕާރޓީއަށް ހަމަކުރުމަށް ހުޅުވާލި ކެންޕޭންގެ ތެރެއިން އެމްޑީޕީ އަންހެނުންގެ ރޫހުގެ ފަރާތުން 30 ދުވަހުގެ މުއްދަތަށް މެންބަރޝިޕް އިތުރުކުރުމުގެ ޕްރޮގްރާމްއެއް ފައްޓާގޮތަށް ހަމަޖައްސައިފިއެވެ.

މާލެ ސިޓީގެ 6 އަވަށުގައި ކުރިޔަށް ގެންދާގޮތަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ފެށޭނީ މާދަމާ (12 ފެބްރުއަރީ 2013 ވާ ހޯމަ ދުވަހު) ހެނދުނު 10:00 ގަ ހުޅުމާލޭގައެވެ. ހަފުތާގެ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން ހަވީރު 6:00ށް މި މަސައްކަތްކުރިޔަށް ގެންދާނެއެވެ. މިގޮތުން ކޮންމެ ދާއިރާއެއްގައި ވެސް 3 ދުވަހު މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މާލޭ ސިޓީގެ 6 އަވަށުގައި މަސައްކަތް ނިންމާލާއިރު އަންހެނުންގެ ރޫޙުން 1000 މެންބަރޝިޕް ފޯރމް ފުރުމަށް ވެސް ވަނީ ނިންމާފައެވެ.

މި ޕްރޮގްރާމްއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އަންހެނުންގެ ރޫޙްގެ ރައީސާ ޝިޔާމާ އަޙްމަދު ވިދާޅުވީ، “ކޮންމެ އަވަށެއްގެ ދާއިރާ ތަކުގެ ތެރެއިން އެންމެ މީހުން ގިނަ ހިސާބެއް ދިމާކޮށް އެދުވަހަކު މޭޒުބަހައްޓާނީ އެކަންމަންޗެއްގައި. ދާއިރާއެއް ނިންމުމަށް 2 ދުވަސް ނުވަތަ 3ދުވަސްވެސް ނަގާފާނެ. އެހިސާބުން އެހެން ދާއިރާއަކަށް ދާގޮތަށް. މިގޮތަށް އަވަށެއް ނިންމާފަ އަނެއް އަވަށެއްގައި މަސައްކަތް ކުރުން. މީ ރާވާފައިވާ ގޮތް.” ޝިޔާމާ އިތުރަށް ވިދާޅުވީ، “ކޮންމެ ދުވަހަކުވެސް ލިބޭފޯރމް އަންހެނުންގެ ރޫހުގެ ފަރާތުން ޙަވާލުވި މެންބަރެއްގެ ބެލުމުގެ ދަށުން މެންބަރޝިޕް ކޮމެޓީއަށް ހުށަހަޅާނީ އަންހެނުންގެ ރޫޙުގެ ނަމުގަ. ސްލިޕްކޮޅާ އަދި ހުށަހެޅިފޯރމްތަކުގެ މަޢުލޫމާތު ޝީޓްވެސް އަންހެނުންގެ ރޫހުން ރައީސާއާއި ޙަވާލް ކޮށް އެމެންބަރުން ރަޖިސްޓްރީ ވަންދެން ރޫޙުން ބަލަހައްޓަމުން ގެންދާގޮތަށް.”

އަންހެނުންގެ ރޫޙްގެ ފަރާތުން މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތަށް ދިވެހިރާއްޖެގެ އިންތޚާބީ ރައީސުލްޖުމްހޫރިއްޔާ އަދި އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދުގެ އިތުރުން ޕާޓީގެ ޗެއަރ ޕާސަންއާ، ޤައުމީ މަޖްލިސްގެ މެންބަރުންނާއި، ދާއިރާގެ ރައީސުންނާއި، ނާއިބުރައީސުން އަދި އެމް.ޑީ،ޕީގެ އެންމެހާ މެމްބަރުންނާއި މި މަސައްކަތުގަ ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުންނަށް ވަނީ ދަޢުވަތު އަރުވާފައެވެ.