ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާ އަނބުރާ ގެންދެވުމަށްއެދި ޕީޖީއަށް އިލްތިމާސްގެ ޕެޓީޝަން ހުށަހަޅައިފި

އިންތިޙާބީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެނޑިިޑޭޓް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާ އަނބުރާ ގެންދެވުމަށް އެދިވަޑައިގެން ޕްރޮސެކިއުޓަރ ޖެނެރަލަށް އިލްތިމާސްކޮށް ތިންހާހަށްވުރެ ގިނަ ފަރާތަކުން ސޮއެކޮށްފައިވާ ޕެޓިޝަނު މިއަދު ޕީޖީ އޮފީހަށް ހަވާލު ކޮށްފިއެވެ. މި ޕޭޓިޝަން ހަވާލުކުރެވުނީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ.

މި ޕެޓިޝަންގައި ވަނީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދަޢުވާކޮށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުށަހަޅުއްވާފައިވާ މައްސަލައިގެ ސަބަބުން މައުޟޫޢީ ގޮތުންނާއި، މާއްދީ ގޮތުންނާއި ޒާތީގޮތުން އެންމެހާ ދިވެހި ރައްޔިތުންނަށް ފޫނުބުއްދޭފަދަ ގެއްލުން ލިބެމުންދާ ކަމަށެވެ.

ތަޙުޤީޤުކުރާ އެކިއެކި އިދާރާތަކުން ހުށަހަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް، ދަޢުވާއެއް އުފުލާންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމަކީ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ ދަށުން ޕްރޮސެކިއުޓަރ ޖެނެރަލަށް ލިބިދޭ ޢާންމު ބާރެއްކަމަށްވާއިރު، ފާއިތުވި އަހަރު ކަންކަން ގޮސް ވެނިމިފައިވާގޮތް އެމަނިކުފާނުގެ ބުއްދީގެ ނަޒަރުން ބަލައި، އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އުފުއްލަވާފައިވާ ދަޢުވާ އަނބުރާ ގެންދެވުމަށް އިލްތިމާސް ކުރާކަމަށެވެ.