ނޫސްބަޔާން: އދ. ދަނގެތީގައި އިންޑިޔާގެ އަންހެން ޓީޗަރަކު ރޭޕްކުރުން ކުށްވެރިކޮށް ނެރޭ ނޫސްބަޔާން

noosbayan

ނަންބަރު:MDP-2013-PR-14
ތާރީޚް: 11 ފެބުރުއަރީ 2013 (ހޯމަ)

އދ. ދަނގެތީގައި އިންޑިޔާގެ އަންހެން ޓީޗަރަކު ރޭޕްކުރުން ކުށްވެރިކޮށް ނެރޭ ނޫސްބަޔާން

ރޭ ދަންވަރުގެ ވަގުތެއްގައި އިންޑިޔާގެ އަންހެން ޓީޗަރަކު އދ. ދަނގެތީގައި ރޭޕްކޮށްލުން އެއީ މި ޕާޓީން ނުހަނު ކަންބޮޑުވުމާއި އެކު ކުށްވެރިކުރާ ކަމެކެވެ.

ބަޢާވާތުގެ ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން ދިވެހިރާއްޖޭގެ އަމަން އަމާންކަން ގެއްލި، ޢަދުލު އިންސާފް ޤާއިމް ނުކުރެވި، ފޭރުމާއި، ވައްކަމާއި، ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، ރޭޕް ކުރުން ފަދަ ކުށްކުރުން މި މުޖުތަމަޢުގައި ގިނަވެ، ކުށުގެ ބޮޑު ވެއްޓަކަށް މުޖުތަމަޢު ވެގެންގޮސް، ޢާންމު ދިވެހި ރައްޔިތުންނާއި ޤައުމުގައި ދިރިއުޅޭ ބިދޭސީންނަށް އޮންނަންވާ ރައްކާތެރިކަމާއި މެދު ސުވާލު އުފެދިފައިވާތީ މި ޕާޓީން ނުހަނު ކަންބޮޑުވުން ފާޅުކުރަމެވެ.

މިހާރުގެ ބާޣީ ސަރުކާރުން ބިދޭސީންނަށް ލިބިދޭންޖެހޭ އަސާސީ ހައްޤުތައް ލިބިދިނުމުގައި ތަފާތުކުރުންތަކެއް ގެންގުޅެން ޖެހޭ ކަހަލަ ވިސްނުމުގައި ކަންކަން ކޮށް އަސާސީ ޒަރޫރީ ބޭނުންތަށް ފޯރުކޮށްދިނުމުގައި ތަފާތުކުރުން ގެންގުޅޭކަން މިއީ މި ޕާޓީން ވަރަށް ކަންބޮޑުވާކަމެކެވެ. އަދި ހަމަ ބިދޭސީންގެ ފަރާތްތަކުން ދިވެހިރާއްޖެއަށް ލިބޭ އަގު ހުރި ގިނަގުނަ ޙިދުމަތްތަކުގެ އަގު ވަޒަން ނުކުރާކަން މިދަނޑިވަޅުގައި ފާހަގަކޮށް މިކަންކަމުން ބިދޭސީންނަށް އާއްމުންގެ ތެރޭގައި އިޙްތިރާމާ ގަދަރު ކުޑަވެ އެމީހުންގެ މައްޗަށް އަނިޔާވެރިކަން އިސްކުރުން އާއްމުވެގެން ދާކަމީ މި ޕާޓީއިން ކަންބޮޑުވުން ފާޅުކުރާކަމެކެވެ.

މި ޕާޓީން ދެކޭގޮތުގައި މިފަދަ ޢަމަލުތައް މުޖުތަމަޢުގައި ގިނަވަނީ، ސަލާމަތީ ބާރުތަކުންނާއި އަދުލް އިންސާފް ޤާއިމްކުރަން ތިއްބެވި ފަރާތްތަކުން، އެކަންތަކަކީ މާބޮޑު ޢަމަލުތަކެއް ކަމަށް ނުދެކި، އެފަދަ ޢަމަލުތައް މުޖުތަމަޢުއިން ހުއްޓުވުމަށް ނުކުޅެދިފައި ވުމުންނެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ މުޖުތަމަޢުގައި ހިނގާ މިފަދަ ނޭދެވޭ ޢަމަލުތައް އިންސާފްވެރިކަމާއި އެކު ތަހުޤީގްކޮށް ރައްޔިތު މީހާއަށް އިންސާފް ހޯދައިދިނުމުގެ ބަދަލުގައި އެބޭފުޅުންގެ ސިޔާސީ މަޤްސަދުތައް ޙާސިލްކުރުމަށް ކަމަށް ވެސް މިޕާޓީން ދެކެމެވެ. އެގޮތުން މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވުމަކީ މި ޕާޓީން ނުހަނު ކަންބޮޑުވުންފާޅު ކުރާކަމެކެވެ.

މި ބާވަތުގެ ކަންކަން މިގޮތަށް ހިނގަމުން ދިއުމަކީ ރާއްޖެއަށާއި، ރާއްޖޭގެ ރައްޔިތުންނަށް ނުހަނު ގެއްލުން ލިބި، ބޭރު ދުނިޔޭގައި ރާއްޖެއާ މެދު ދެކޭގޮތް ބަދަލުވެގެން ދާނޭފަދަ ކަންކަމަށް ވާތީ، އެފަދަ އަމަލުތަކުން އެންމެހާ ފަރާތްތައް ދުރުހެލިވެ ތިބުމަށް މިޕާޓީން ނަސޭހަތްތެރިވަމެވެ. އަދި މިފަދަ ރަޙުމް ކުޑަ ޢަމަލުތައް ތަޙުޤީގް ކުރުމުގައި ސިޔާސީ ނުފޫޒުން އެއްކިބާވެ ޤައުމަށްޓަކައި، ޤައުމުގެ ހެވާއި ލާބަޔަށްޓަކައި މަސައްކަތް ކުރުމަށްވެސް އެންމެހާ ފަރާތްތަކަށް މިޕާޓީން ނަސޭހަތްތެރިވެ ގޮވާލަމެވެ.

މި މައްސަލަ މިހާރުން މިހާރަށް ތަހުޤީގު ކުރުމަށް ގޮވާލައި، މިކަމުގައި ޒިންމާވާ އެންމެހާ ފަރާތްތަކާއި މެދު ފިޔަވަޅުއެޅުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށާއި، ޕްރޮސެކިއުޓަރ ޖެނެރަލްއަށާއި، ހިއުމަން ރައިޓްސް ކޮމިޝަނަށް މި ޕާޓީން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް