ނޫސްބަޔާން: ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގެކޮޅަށް ފުލުހުން ވަން ވަނުން ކުށްވެރިކޮށް އެމް.ޑީ.ޕީގެ ޕާރލަމެންޓްރީ ގްރޫޕުން ނެރޭ ނޫސްބަޔާން

noosbayan

ނަންބަރު: MDP –PG-2012-PR-0001
ތާރީޚް: 11ފެބުރުއަރީ 2013

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގެކޮޅަށް ފުލުހުން ވަން ވަނުން ކުށްވެރިކޮށް އެމް.ޑީ.ޕީގެ ޕާރލަމެންޓްރީ ގްރޫޕުން ނެރޭ ނޫސްބަޔާން

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ދިރިއުޅުއްވާ ރަބީޢީމަންޒިލަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ އެސް.އޯ. ފުލުހުން ޤާނޫނީ އިމުން ބޭރުން ވަދެ، އެގެކޮޅުގެ ޙުރުމަތާއި މަޖިލީހުގެ ރައީސްގެ ޙުރުމަތް ގެއްލޭގޮތަށާއި، މަޖިލީހުގެ ރައީސްގެ އިމްތިޔާޒަށާއި މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާތީ އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޕާރލަމެންޓްރީ ގްރޫޕުން ކުށްވެރިކުރަމެވެ.

އެސް.އޯ ފުލުހުން ރަބީޢީމަންޒިލަށް ވަދެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އެވަގުތު ގެކޮޅުގައި އުޅުއްވަނިކޮށްކަމާއި، އަދި ފުލުހުން އެމަނިކުފާނުގެ މަންމާފުޅާއި ބައްޕާފުޅުގެ ކޮޓަރިކޮޅަށް ވެސް ވަދެފައިވާކަމާއި، އެކަމުގެ ސަބަބުން އެމަނިކުފާނުގެ މަންމާފުޅާއި ބައްޕާފުޅަށް ނަފްސާނީގޮތުން އަސަރުކޮށްފައިވާކަމާއި، އަދި ފުލުހުން އެގެކޮޅުގެ ޙުރުމަތްކަނޑާފައިވާކަމާއި އެހެންކަމުން ފުލުހުންގެ އެ ޢަމަލަކީ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސަށް ނުފޫޒުފޯރުވައި، ބިރުދެއްކުމުގެ ގޮތުން ހިންގި ޢަމަލެއްކަމަށް އެމް.ޑީ.ޕީގެ ޕާރލަމެންޓްރީ ގްރޫޕުން ދެކެމެވެ. އަދި ފުލުހުންގެ އެ ޢަމަލަކީ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސްގެ ޙުރުމަތްކަޑައި، މަޖިލީހުގެ ރައީސްގެ އިމްތިޔާޒަށް އަރައިގަތުމުގެ އިތުރުން މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުންކަމުގައި ވެސް އެމް.ޑީ.ޕީގެ ޕާރލަމެންޓްރީ ގްރޫޕުން ދެކެމެވެ.

ގޯތިގެދޮރަކީ ޙުރުމަތްތެރިވެގެންވާ ތަންތަންކަން ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާހިނދުއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން އަލްފާޟިލް ޢަބްދުﷲ ޝާހިދު އަދާކުރައްވަމުން ގެންދަވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަށް ހުރަސްއަޅައި ބިރުދެއްކުމުގެ ގޮތުން އެފަދަ ޢަމަލުތައް ހިންގުން ވަގުތުން ހުއްޓާލައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިމްތިޔާޒަށާއި މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިނުގަތުމަށް މޯލްޑިވްސް ޕޮލިސް ސާރވިސަށް އެމް.ޑީ.ޕީގެ ޕާރލަމެންޓްރީ ގްރޫޕުން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް