ރައީސް ނަޝީދު އިންޑިއާ ދަތުރުފުޅު ނިންމަވާ މިއަދު މާލެވަޑައިގަންނަވާނެ

ދިވެހިރާއްޖެގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އަދި އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އިންޑިޔާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިއަދު މެންދުރު ރާއްޖެ ވަޑައިގަންނަވާނެއެވެ.

މިމަހުގެ 5 ވަނަދުވަހު މިދަތުރުފުޅު ފެއްޓެވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވާ އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެއާ އިންޑިއާގެ ހީނަރުވެފައިވާ ގުޅުން ރަގަޅު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށާއި، ދިވެހިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދެން އޮތް ގޮތްތަކަކީ ކޮބައިތޯ ދެނެގަތުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށެވެ. އަދި މީގެ އިތުރުން ބައިނަލްއަޤުވާމީ ފަރާތްތަކާއި ބައްދަލު ކުރައްވައި އިންތިޚާބުގެ ކުރިން އިންތިޤާލީ ސަރުކާރެއް އުފެއްދުމަށް ބާރުއެޅުއްވުމަށް އެދިވަޑައިގަންނަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެއަރ އިންޑިއާގެ ފްލައިޓުން ރައީސް ނަޝީދު މާލެ ވަޑައިންނަވާއިރު އެމް.ޑީ.ޕީގެ އެންމެހާ މެމްބަރުން އެމަނިކުފާނަށް މަރްޙަބާ ދެންނެވުމަށް މިއަދު މެންދުރު 12:30 ށް އެއަރޕޯރޓަށް ވަޑައިގަތުމަށް ޕާޓީގެ ސެކްރެޓޭރިއޭޓުން އެދެއެވެ.