އެމްޑީޕީގެ ޑޯޓުޑޯ ކެމްޕެއިން ޓީމުން އައްޑޫ ސިޓީގެ %85 ގެތަކަށް ޒިޔާރަށްކޮށްފި.

25929_10151492421951613_681214208_n

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އައްޑޫ ސިޓީގައި މިޙާރު ކުރިއަށް ގެންދާ ޑޯޓުޑޯ ކެމްޕެއިންގައި، އެ އަތޮޅުގެ %85 ގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު އެއްކޮށްފައިވާކަމަށް އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ މާފަންނު އުތުރު ދާއިރާގެ ނައިބު ރައީސް އުސާމަތު އައްބާސް ވިދާޅުވެއްޖެއެވެ.

ޕާޓީ ވެބްސައިޓަށް މަޢުލޫމާތުދެއްވަމުން އުސާމަތު ވިދާޅުވީ، މި މަހުގެ އެއްވަނަ ދުވަހު ފެށި މަސައްކަތް ވަރަށް ކާމިޔާބުކަމާއި އެކު ކުރިއަށް ދާކަމަށާއި މިއަހާރު ނުނިމި ވަނީ 3 ދާއިރާގެ ޑޯޓުޑޯގެ މަސައްކަތް ކަމަށެވެ.

“މިހާރު ނުނިމިވަނީ އައްޑޫ ސިޓީގެ 3 ދާއިރާއެއް. އެއީ ހިތަދޫ މެދު ދާއިރާއާ ހިތަދޫ ދެކުނު ދާއިރާގެ އިތުރުން ފޭދޫ ދާއިރާ. ކުރިއަށް ދެތިން ދުވަސް ތެރޭގައި އެ ދާއިރާތައް ވެސް ނިންމާ ލެވޭނޭކަމަށް މި ބަލަނީ. ނިމިފައި ހުރި ދާއިރާތަކުގެ ވަރަށް މަދު ގެއަކަށް އަޅުގަނޑުމެންނަށް ނުވަދެވި ވާނީ” އުސާމަތު ވިދާޅުވިއެވެ. އަދި ދާއިރާތަކުގެ އެކިއެކި ފަރާތްތަކާއި ގުޅިގެން މިހާރު ކުރިއަށް ގެންދަނީ ޑޯޓުޑޯ ކެމްޕެއިންގައި އެއްކުރި މަޢުލޫމާތުތައް ސިސްޓަމަށް އެންޓަކުރުން ކަމަށް ވެސް އުސާމަތު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ޑޯޓުޑޯ ކެމްޕެއިންގައި ހަރަކާތްތެރިވާ އެމްޑީޕީ ޓީމުގެ ލީޑަރ އަދި އެމްޑީޕީ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ މި މަސައްކަތުގައި ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިގެންދާކަމަށާއި އެކަމަށްޓަކައި ޝުކުރުއަދާކުރާ ކަމަށެވެ. އަދި %85 ގެތަކަށް ވަދެވުނުއިރު ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން ދިޔަކަމަށެވެ.

އެމްޑީޕީން 2013 ވަނަ އަހަރު އެކުލަވާލާ މެނިފެސްޓޯއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެމްޑީޕީން ވަނީ ދެކުނުގެ ރަށްތަކަށާއި ބޮޑު ތިލަދުންމަތީގެ ރަށްތަކަށް ވެސް ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން މާލޭގައި “ވަޢުދާ ހިނގުން” ޑޯޓުޑޯ ކެމްޕެއިން ކުރިއަށް ގެންދެއެވެ.