ރައީސް ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް

vaudhaahingunmachangolhi2112013 (52)

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދަޢުލަތުން ހުޅުމާލޭ ކޯޓުގައި ކޮށްފައިވާ ދަޢުވާއާ ގުޅޭ އިޖުރާޢީ މައްސަލަތަކަށް ހައި ކޯޓުން ކޮށްފައިވާ ޙުކުމް އިސްތިޢުނާފްކުރުމަށް ސުޕްރީމް ކޯޓުން ހުށަހެޅުމުން އެކޯޓުން އެ މައްސަލަ ބަލައިނުގެން ކަމަށް އަލްއުސްތާޒް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ވަކީލުންގެ ޓީމްގައި ހިމެނި ވަޑައިގަންނަވާ ހަސަން ލަތީފު ވިދާޅުވީ، އެ މައްސަލަ ހުށަހެޅުމުން ސުޕްރީމް ކޯޓުން ޢަމަލުކޮށްފައި ވަނީ އާންމު އުސޫލުން އަމަލުކުރާ ގޮތަށް ނޫން ކަމަށެވެ. ހަސަން ލަތީފް ވިދާޅުވީ، މައްސަލަ ބަލައިނުގެން ސަބަބެއްގެ ގޮތުގައި އެ ކޯޓުން ބުނެފައިވަނީ ވަކީލުން ހަމަޖެއްސިކަމުގެ ލިޔުމާއި ވަކީލު އެކަން ބަލައިގަތްކަމުގެ ލިޔުމުގެ ހަތް ކޮޕީ ނެތް ކަމަށް ބުނެއެވެ. ހަސަން ލަތީފް ވިދާޅުވީ މީގެ ކުރިން ވެސް އެހެން މައްސަލަތަކުގައި އެފަދަ ލިޔުންތަކުގެ އެންމެ ކޮޕީއެއް ހުށަހެޅުމުން އެ މައްސަލައެއްގެ ލިޔުންތައް އެ ކޯޓުން ބަލައިގެންފައި އެބަހުރި ކަމަށާއި މި މައްސަލާގައި ތަފާތުގޮތަކަށް އެ ކޯޓުން ޢަމަލުކޮށްފައިވާ ކަމަށެވެ.

ހަސަން ލަތީފު އިތުރަށް ވިދާޅުވީ، ހަތް ކޮޕީ ނެތި ބަލައި ނުގަނެވޭނޭކަމަށް ކައުންޓަރުން އެންގީ ވެސް ވަގުތު ކުޑަތަންވެފައި ވަނިކޮށް ކަމަށާއި، ހަތް ކޮޕީ ހައްދައިގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގެންނަނީކަމަށް ބުނުމުން ކައުންޓަރުން ބަންދުކޮށްފައިވާ ކަމަށް ބުނެ ބަލައިގެންފައި ނުވާކަމަށެވެ. މި މައްސަލަ ހުށަހެޅުމަށް މިހާރު ވެސް މަސައްކަތް ކުރެވެމުން ދާއިރު، ރައީސް ނަޝީދުގެ ޝަރީޢަތުގެ އަޑުއެހުމެއް ވަނީ މިއަދަށް ތާވަލްކޮށްފައެވެ.